މެލޭޝިއާގެ ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވި މުހްޔިއްދީން ޔާސީން ވިދާޅުވި ކަމުގައި ކަމުގައި ވީ ނަމަވެސް، އޭނާއަށް ތާއީދުގެ އަޣުލަބިއްޔަތު ކަށަވަރު ނުވާ ކަމަށް، މެލޭޝިއާގެ އިދިކޮޅު ސިޔާސީ ބްލޮކްއާއި އެ ބްލޮކަށް އެއްބާރުލުން ބައިވެރިން ބުނެފިއެވެ.

މެލޭޝިއާގެ އިދިކޮޅު ސިޔާސީ ބްލޮކާއި އެ ބްލޮކަށް އެއްބާރުލުން ދޭ ބައިވެރިން މިފަދަ ރޫހެއްގައި ވާހަކަ ދައްކާފައި ވާ އިރު، މުހްޔިއްދީން ވަނީ، މެލޭޝިއާގެ ގާނޫނު ހަދާ މަޖިލީހުގަ އަޣުލަބިއްޔަތު އަދިވެސް އޮތީ އޭނާއަށް ކަމަށާ، އަންނަ މަހު މަޖިލިސް ހުޅުވާ، އެކަން ސާބިތު ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މެލޭޝިއާގެ މައި އިދިކޮޅު ސިޔާސީ ބްލޮކްގެ ގޮތުގައި އޮތް ޕަކަތާން ހަރަޕަންއިން ވަނީ، މުހްޔިއްދީންގެ މި ދައުވާއަށް އިންކާރު ކޮށް، މިހާރުން މިހާރަށް ވޯޓަކަށް ދިއުމަށް ގޮވާލާފައެވެ.

އެ ބްލޮކުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ޕަކަތާން ހަރަޕަންގެ ލީޑަރުން ވަރަށް ފުރިހަމައަށް ހިސާބު ހައްދަވާފައި ވާ ކަމަށާ، މުހްޔިއްދީންއަށް ތާއީދު ނުކުރާ އެޕީޓީގެ އެކުވެރިންގެ މައުލޫމާތުވެސް ހިސާބު ޖެއްސެވުމުގައި ހިމަނުއްވާފައި ކަމަށެވެ. އަދި މުހްޔިއްދީން ވާހަކަފުޅު ދައްކަވާފައި ވަނީ ހައްގުން އެއްކިބާ ވަނިވި ރޫހެއްގައި ކަން ސާފު ވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

ބޮޑު ވަޒީރުގެ އިސްތިއުފާއަށް ގޮވާލާ އަޑު، އެ ގައުމުގައި ގަދަ ވި ނަމަވެސް، މަޖިލިސް މެންބަރުންގެ ތާއީދު އެބަ އޮތް ކަމަށް ވިދާޅުވެ، މަގާމުން އިސްތިއުފާ ދެއްވަން އިންކާރު ކުރައްވަމުން ގެންދަވާ މުހްޔިއްދީން ވަނީ، އަންނަ މަހު މަޖިލީހުގެ ޖަލްސާތައް ފެށުމުން، އެކަން ސާބިތު ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ޓީވީ މެދުވެރި ކުރައްވާ ގައުމާ މުހާތަބު ކުރައްވަމުން މުހްޔިއްދީން ވިދާޅު ވަނީ، ކޯލިޝަން ޕާޓީގެ ބައެއް މެންބަރުންގެ ތާއީދު އަނބުރާ ގެންގޮސް، އިތުބާރުގެ މައްސަލާގައި ވޯޓަށް އަހަންޖެހިފައި ވާއިރު، ބޮޑުވަޒީރު ކަމުގެ މަގާމުގައި އޭނާ ދެމި ހުންނެވުމަށް، މެލޭޝިއާގެ ރަސްގެފާނު، އަލް-ސުލްތޯން ޢަބްދުﷲ ވެސް އެއްބަސްވެވަޑައިގެންފައި ވާ ކަމަށެވެ.

ބޮޑުވަޒީރު ކަމުގެ މަގާމުން މުހްޔިއްދީން އިސްތިއުފާ ދެއްވުމަށް ގޮވާލާ އަޑު ގަދަވެގެން ދިޔައީ ހުސްވި ހަފުތާގެ ތެރޭގައެވެ. ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށް ވާ ޔުނައިޓަޑް މެލޭޒް ނޭޝަނަލް އޯގަނައިޒޭޝަން (އުމްނޯ) އިން ވަނީ މުހްޔިއްދީންއަށް ކުރަމުން ދިޔަ ތާއީދުވެސް އަނބުރާ ގެންގޮސްފައެވެ.

މުހްޔިއްދީން ވަނީ މެލޭޝިއާގައި ސިޔާސީ ހަމަނުޖެހުން އުފައްދަމުން ދަނީ ވަކި ޕާޓީތަކަކުން ކަމަށާ، އެ ބަޔަކު އެކަން ކުރަނީ، އެ މީހުންގެ ޑިމާންޑުތަކަށް ބޯލަނބަން އޭނާ އިންކާރު ކުރެއްވުމުން ކަމަށެވެ. އެފަދަ ބައެއް ޑިމާންޑްތަކުގެ ތެރޭގައި، ކޮރަޕްޝަންގެ ދައުވާ އުފުލާފައި ވާ ބައެއް ފަރާތްތައް ދޫކޮށްލުން ހިމެނޭ ކަމަށް މުހްޔިއްދީން ވަނީ ވިދާޅުވެފައެވެ.