ހއ. ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 65 ޕަސެންޓް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ މަޝްރޫއުގެ ދަށުން، ކޮނުމަށްފަހު ބިންގަޑު އެއްވަރުކުރަން 7,750 ކިއުބިކް މީޓަރުގެ ވެލިބޭނުންކުރުމާ، ޖިއޯ ބޭގްސްއަށް އެޅުމަށް 1,926 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުން ހިމެނެއެވެ.

އޭގެ އިތުރުން ރަށްގިރުމުން ސަލާމަތްކުރުމަށްޓަކައި 310 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއަކީ 10.02 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މިދިޔަ ޖޫން މަހުގެ ތެރޭގައި އެމްޓީސީސީއިން ވަނީ ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ތެރެއިން ޖިއޯ ބޭގްސްއަށް ވެލިއެޅުމުގެ މަސައްކަތް ކޮށްފައެވެ.