ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ މެދުގައި އަދިވެސް އޭނާއަށް ތާއީދު އެބަ އޮތް ކަމަށް ވިދާޅުވެ، މަގާމުން އިސްތިއުފާ ދެއްވުމަށް، މެލޭޝިއާގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީން އިންކާރު ކުރައްވައިފިއެވެ.

ބޮޑު ވަޒީރުގެ އިސްތިއުފާއަށް ގޮވާލާ އަޑު، އެ ގައުމުގައި ގަދަ ވި ނަމަވެސް، މަޖިލިސް މެންބަރުންގެ ތާއީދު އެބަ އޮތް ކަމަށް ވިދާޅުވެ، މަގާމުން އިސްތިއުފާ ދެއްވަން އިންކާރު ކުރައްވަމުން ގެންދަވާ މުހްޔިއްދީން ވަނީ، އަންނަ މަހު މަޖިލީހުގެ ޖަލްސާތައް ފެށުމުން، އެކަން ސާބިތު ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ޓީވީ މެދުވެރި ކުރައްވާ ގައުމާ މުހާތަބު ކުރައްވަމުން މުހްޔިއްދީން ވިދާޅުވީ، ކޯލިޝަން ޕާޓީގެ ބައެއް މެންބަރުންގެ ތާއީދު އަނބުރާ ގެންގޮސް، އިތުބާރުގެ މައްސަލާގައި ވޯޓަށް އަހަންޖެހިފައި ވާއިރު، ބޮޑުވަޒީރު ކަމުގެ މަގާމުގައި އޭނާ ދެމި ހުންނެވުމަށް، މެލޭޝިއާގެ ރަސްގެފާނު، އަލް-ސުލްތޯން ޢަބްދުﷲ ވެސް އެއްބަސްވެވަޑައިގެންފައި ވާ ކަމަށެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ގޮތުގައި ގައުމުގެ ހުންގާނުގައި މިދިޔަ އަހަރުގެ މާޗް މަހު މުހްޔިއްދީން ހިއްޕެވި ހިސާބުންވެސް، އެ މަގާމުގައި އޭނާ ހުންނެވުމާ މެދު މެލޭޝިއާގައި ވަނީ ހިޔާލު ތަފާތުވުން އުފެދިފައެވެ. ވަކިން ހާއްސަކޮށް، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމާއި އިގުތިސޯދީ ހީނަރުކަމާއެކު، ގޮންޖެހުންތައް ވަނީ ވަކީން ބޮޑުވެފައެވެ.

ބޮޑުވަޒީރު ކަމުގެ މަގާމުން މުހްޔިއްދީން އިސްތިއުފާ ދެއްވުމަށް ގޮވާލާ އަޑު ގަދަވެގެން ދިޔައީ ހުސްވި ހަފުތާގެ ތެރޭގައެވެ. ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށް ވާ ޔުނައިޓަޑް މެލޭޒް ނޭޝަނަލް އޯގަނައިޒޭޝަން (އުމްނޯ) އިން ވަނީ މުހްޔިއްދީންއަށް ކުރަމުން ދިޔަ ތާއީދުވެސް އަނބުރާ ގެންގޮސްފައެވެ.

ކަން މިހެން އޮތް ނަމަވެސް، އޭނާގެ ތަގުރީރުގައި މުހްޔިއްދީން ވަނީ، އޭނާ އިސްތިއުފާ ދެއްވުމާއި ނުދެއްވުމާ ގުޅިގެން ސުވާލު އުފައްދަން ޖެހޭ ޖާގައެއް ނެތް ކަމަށް އިޝާރާތް ކުރައްވާފައެވެ. އަދި މަޖިލިސް މެންބަރުންގެ އަޣުލަބިއްޔަތުން ތާއީދު އެބައޮތް ކަމަށް މުހްޔިއްދީން ވަނީ ވިދާޅުވެފައެވެ.

މުހްޔިއްދީން ވަނީ މެލޭޝިއާގައި ސިޔާސީ ހަމަނުޖެހުން އުފައްދަމުން ދަނީ ވަކި ޕާޓީތަކަކުން ކަމަށާ، އެ ބަޔަކު އެކަން ކުރަނީ، އެ މީހުންގެ ޑިމާންޑުތަކަށް ބޯލަނބަން އޭނާ އިންކާރު ކުރެއްވުމުން ކަމަށެވެ. އެފަދަ ބައެއް ޑިމާންޑްތަކުގެ ތެރޭގައި، ކޮރަޕްޝަންގެ ދައުވާ އުފުލާފައި ވާ ބައެއް ފަރާތްތައް ދޫކޮށްލުން ހިމެނޭ ކަމަށް މުހްޔިއްދީން ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން އުމްނޯއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.