އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރިން އާންމުންނަށް ދޫކޮށްފައި ހުރި ގޯތިތަކެއް ނަގައި ބަދަލު ދޭން އައްޑޫ ސިޓީ ކައުންސިލުން ނިންމި މައްސަލަ މި މަހުގެ 24 ވަނަ ދުވަހު ނިންމަން ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ތާވަލުކޮށްފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލު ކައިރިން ކުރިން ދޫކޮށްފައިވާ 40 ގޯތި އަތުލަން ނިންމީ މުޅި އައްޑޫ ސިޓީގެ މަސްލަހަތަށް ކަމަށް ބުނެ މިދިޔަ މަހުއެވެ. އެކަމާ ބައެއް ގޯތިތަކުގެ ވެރިން ހިތްހަމަނުޖެހި ބައެއް މީހުން ވަނީ ހިތަދޫ ކޯޓުގައި ކައުންސިލާ ދެކޮޅަށް ދައުވާކޮށްފައެވެ.
ގޯތިތައް ނަގަން ކައުންސިލުން ނިންމާފައި ވަނީ ގާނޫނީ އިޖުރާއަތުތަކާ ހިލާފަށް ކަމަށް ބުނެ އެ ނިންމުން ބާތިލުކޮށްދޭން ކޯޓަށް ހުށަހެޅި މައްސަލަތަކުގައި އެދިފައިވެއެވެ. އެ މައްސަލަތައް ނިމެންދެން، ދައުވާ ކުރި މީހުންނަށް ގެއްލުމެއް ނުވާނެ ގޮތަށް ވަކި ގޮތެއް ނިމެންދެން ގޯތިތައް ނެގުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވެސް އެ މީހުންގެ ފަރާތުން ވަނީ އެދިފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން އޭގެ ތެރެއިން ބައެއް މީހުންގެ އަޑުއެހުންތައް މިއަދު ވަނީ ފަށާފައެވެ. އަދި މިއަދު 7 މީހެއް މައްސަލައިގެ އަޑުއެހުން ބާއްވަން ތާވަލުކޮށްފައިވެއެވެ. އެގޮތުން ހެނދުނު ބައެއް މައްސަލަތައް އަދި މެންދުރު 12 އިން ފެށިގެން ވެސް އެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށްދާނެއެވެ. މިއަދު އޮތީ އިބްތިދާއީ މަރުހަލާގެ ކަންކަމެވެ.
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލު ކައިރިން ކުރިން ދޫކޮށްފައިވާ ގޯތިތައް ނަގަން ސިޓީ ކައުންސިލުން ނިންމީ އައްޑޫ ހޮސްޕިޓަލް ހިމެނޭ ސަރަހައްދުގައި އެ ސިޓީގެ އިގްތިސާދާ ގުޅުން ހުރި ކަންކަން މުސްތަގުބަލުގައި ފުޅާ ދާއިރާއެއްގައި ހިނގާނެތީ އެއީ މުޅި ސިޓީގެ މަސްލަހަތާ ގުޅޭ ކަމަކަށް ވާތީ ކަމަށް ބުނެއެވެ.