ޏ. ފުވައްމުލަކު އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މީހަކު ކޮވިޑު ބަލީގައި މަރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ، މިއަދު ފުވައްމުލަކުން މަރުވެފައިވާ މީހާއަކީ އުމުރުން 94 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވެފައި ވަނީ މިއަދު ހެނދުނު 09:00 ގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މި މަރާ އެކު މިހާރު ރާއްޖެއިން މި ބަލީގައި މަރުވި މިހުންގެ އަދަދު ވަނީ 222 އަށް އަރާފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު ޖުމްލަ އަދަދަކީ 77،633 އެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން 74،928 މީހުން މިހާތަނަށް ރަނގަޅުވެފައި ވާއިރު އިއްޔެ މިބައްޔަށް ވަނީ ރާއްޖެއިން 86 މީހަކު ޕޮޒިޓިވްވެފައެވެ.
ރާއްޖެއިން މި ބަލި ފެނުނުތާ މިއަދާ ހަމައަށް 513 ދުވަސް ވެފައި ވާއިރު، މި ދިޔަ އަހަރު ނިމުނު އިރު 13،757 ކޮވިޑް ޕޮޒިޓިވް ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. އަދި މިދިޔަ އަހަރުގެ ނިޔަލަށް 49 މީހަކު ވަނީ މަރުވެފައެވެ.
މިއަހަރު މިހާތަނަށް 63،538 މީހަކު ޕޮޒިޓިވް ވެފައި ވާއިރު މި ބަލީގައި މި އަހަރު ވަނީ 172 މީހަކު މަރުވެފައެވެ.