ޏ. ފުވައްމުލަށް ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ވަގުތީ ހައްލެއް މިހާރު ލިބިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ވަގުތި ހައްލެއް ލިބުނު ނަމަވެސް ފެނަކައިން ވަނީ މިވަގުތު ކަރަންޓު ބޭނުން ކުރުމުގައި ކޮންމެހެން ބޭނުން ކުރަން ޖެހޭ އާލާތްތައް ބޭނުން ކުރުމަށް އިލްތިމާސް ކޮށްފައެވެ.
ފުވައްމުލަކުން ކަރަންޓު ކެނޑިފާވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ.
ފެނަކަ ފުވައްމުލަކު ބްރާންޗުން ބުނީ ފުވައްމުލައް ސިޓީ އަށް މިވަގުތު ދިމާވެފައިވާ ކަރަންޓުގެ މައްސަލާގައި މިހާތަނަށް ފާހަގަކުރެވިފައިވާ ގޮތުން އެމައްސަލަ ދިމާވެފައި ވަނީ މައި ޓްރާންސްފޯމަރަށް ކަމަށެވެ.
އެ ފޯމަރުގެ ބަދަލުގައި ފޯމަރެއް ރަށަށް ގެނައުމުގެ މަސައްކަތް އެކުންފުނިން ކުރިޔަށް ގެންދާ ކަމަށް ފެނަކައިން ބުނެއެވެ.
އެހެންކަމުން އެމައްސަލަ ހައްލުކޮށް ކަރަންޓު ދޫކުރުމަށް 24 ގަޑި އިރަށް ވުރެ ގިނައިރު ހޭދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
ކަރަންޓުގެ އިތުރުންް ފެނުގެ ހިދުމަތް ވެސް ވަނީ މިއަދު ކެނޑިފައެވެ.