އައްޑޫ ސިޓީ ފޭދޫ ހިއްކި ބިމުގައި ޖަހަން ބަހައްޓާފައި ހުރި ބޮޑު ހިލަ، އައްޑޫގައި އިމާރާތް ކުރަމުންދާ ޕޮލިސް އެކެޑަމީ އަށް ގެންދާތީ އެކަމާ ދެކޮޅަށް ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ އިހުތިޖާޖު ކޮށްފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފޭދޫ ބަނދަރު ހެދުމަށް އެ ރަށަށް ގެންދިޔަ ހިލަ ތަކަކީ ފޭދޫ ދެކުނުން ކުރީ ސަރުކާރުން ހިއްކާފައިވާ ސަރަހައްދު ގިރަމުން ދާތީ އެތަނުގައި ޖެހުމަށް ގެންގޮސްފައިވާ ހިލަތަކެކެވެ.
ހިއްކި ސަރަހައްދުގައި ޖަހާފައި ބާކީ ހުރި ހިލަ ހިތަދޫގައި ހަދާ ޕޮލިސް އެކަޑެމީ އަށް މިއަދުގެ ވަގުތެއްގައި އިންޑިއާ ބަޔަކު ގެންދަން ފަށާފައި ވާތީ އެ ރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުވެ އިހުތިޖާޖު ކުރީއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފޭދޫ ކައުންސިލްގެ މެންބަރު އައިމިނަތު ސަލްމާ ވިދާޅުވީ ރައްޔިތުން އިހުތިޖާޖު ކުރަން ފެށީ މިއަދު ހެނދުނު 10:30 ހާއިރު ކަމަށެވެ. އަދި އިހުތިޖާޖު ނިންމާލާފައި ވަނީ މިރޭ 8 ޖަހާކަންހާއިރު ކަމަށް ސަލްމާ ވިދާޅުވިއެވެ.
އެހިލަތައް ޕޮލިސް އެކަޑަމީއަށް ގެންގޮސްފައި ވަނީ ޕޮލިސް އެކަޑަމީ ކައިރިން ރާޅު އަރާ ސަަހައްދުގައި ޖަހަން ކަމަށް ސަލްމާ ވިދާޅުވިއެވެ.
މިއަދު ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި އިހުތިޖާޖުގެ ބައިވެރިން ވަނީ އެއީ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު އަޑީގައި ހުންނަވައިގެން ކުރައްވާ ކަމެއް ކަމަށް ތުހުމަތުކޮށް ނިޒާރުގެ އިސްތިއުފާ އަށް ވެސް ގޮވާފައެވެ. އެކަމާ ގުޅިގެން ނިޒާރުގެ ބަހެއް އަދި ނުލިބެއެވެ.
އިހުތިޖާޖުގެ ބައިވެރިން ވަނީ ހިލަތައް އިންޑިއާ މީހުންނަށް ވިއްކާލާފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ. އަދި ރައްޔިތުންނަށް މަންފާވާ ގޮތަށް ހިލަތައް ބޭނުން ކުރެވެން އޮއްވާ އިންޑިއާގެ ހިލޭ އެހީގެ ދަށުން ހަދާ އެކަޑަމީއަށް އެ "ހަދިޔާ" ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ އިހުތިޖާޖުގެ ބައިވެރިން ވަނީ ބުނެފައެވެ.