ކ. ގުރައިދޫގައި އެމްޓީސީސީން ކުރިއަށް ގެންދާ ބިން ހިންގުމުގެ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައްލަވާލައްވައިފިއެވެ.

އެމްޓީސީސީން ކުރިއަށް ގެންދާ މި މަޝްރޫއު ބައްލަވާ ލެއްވުމަށް ނައިބު ރައީސް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްގެ އިތުރުން އެމްޓީސީސީގެ ޓީމު ބައިވެރިވެ ވަޑައިގެންނެވިއެވެ. އެމްޓީސީސީގެ ފަރާތުން ވަނީ މަޝްރޫއުއާއި ބެހޭ ތަފްސީލީ މައުލޫމާތު ނައިބު ރައީސް ފައިސަލް އާއި ހިއްސާ ކުރައްވާފައެވެ.

މި މަޝްރޫއުގެ ދަށުން 644,000 އަކަމީޓަރުގެ ސަރަހައްދުގެ ފަޅު ފުންކޮށް، ބިންހިއްކުމުގެ އިތުރުން 1،200 މީޓަރު ސަރަހައްދެއްގައި ބޮޑުގަލުގެ ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

އެ މަޝްރޫއު އަކީ ގުރައިދޫ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ފަށާފައިވާ މަޝްރޫއެކެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުއަކީ 85.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެ މަޝްރޫއު މޮބިލައިޒް ކޮށްފައިވަނީ އޯގަސްޓް 15، 2020ގައެވެ.