ށ. ފޯކައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 41 ޕަސެންޓް މަސައްކަތް ނިމިއްޖެ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން ބޭރުތޮށިލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމަށެވެ.

ފޯކައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

މި މަޝްރޫއުގެ ދަށުން 39،995 ކިއުބިކް މީޓަރުގެ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަހައްދު ފުންކުރުމާއި، 1800 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ މިހާރު ބޭނުންކުރަމުން އަންނަ ބަނދަރު ފުންކުރުމާއި، 4000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 507 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 100 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 464 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެ އިތުރުން 2320 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި ނެރު ބައްތި އާއި މަގު ބައްތި ޖެހުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށާއި މި މަޝްރޫއަކީ 52.7 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.