ދ. ކުޑަހުވަދޫގައި ޗުއްޓީ ހޭދަކުރުމަށް ފަހު މާލެ ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެ އެރަށް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފިއެވެ.

ކުޑަހުވަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ފިކުރީ "ދަ ޕްރެސް" އަށް ވިދާޅުވީ ޕޮޒިޓިވް ވެފައި ވަނީ މީގެ 2 ދުވަސް ކުރިން ކުޑަހުވަދޫ އިން މާލެދިޔަ މީހެއް ކަމަށެވެ. އަދި އެމީހާ ޕީސީއާރު ޓެސްޓް ހަދާފައި ވަނީ ކޮވިޑް ގެ އަލާމާތްތައް ފެނިގެން ކަމަށް ވެސް ފިކުރީ ވިދާޅުވިއެވެ.

ފިކުރީ އިތުރަށް ވިދާޅުވީ ކުޑަހުވަދޫ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައި ވަނީ ޕޮޒިޓިވް ވި ފަރާތާ ކޮންޓެކްޓްވި މީހުން ހޯދުމަށް ކަމަށެވެ. މިގޮތުން މިހާތަނަށް 6 މީހެއް ކޮންޓެކްޓް ވެފައިވާ ކަން ދެނެގަނެވިފައި ވާ ކަމަށާއި 3 ގެއެއް ބަންދު ކޮށްފައި ކަމަށް ފިކުރީ ވިދާޅުވިއެވެ.

އީދު ބަންދު ތެރޭގައި ކުޑަހުވަދޫގައި ޕާޓީތަކެއް ވެސް ކުރިޔަށް ދިޔަ ކަމަށާއި ކޮންޓެކްޓްވި މީހުން ދެނެގަންނަމުން އަންނަ ކަމަށް ވެސް ފިކުރީ މައުލޫމާތު ދެއްވައެވެ.

އެޗްޕީއޭ އިން އެންމެ ފަހުން ދިން ލުއިތަކުގެ ތެރޭގައި ކޮވިޑްގެ 2 ޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ނެގެޓިވް ޕީސީއާރު ޓެސްޓާއެކު ރަށްރަށަށް ދަތުރު ކުރެވެއެވެ. މި ގަވާއިދުގެ ދަށުން ސުކޫލު ބަންދާއި އީދު ބަންދާ ދިމާކޮށް މާލޭގައި ދިރިއުޅޭ ގިނަ މީހުން ވަނީ އަތޮޅުތެރޭގެ ރަށްރަށަށް ޗުއްޓީ ހޭދަކުރަން ގޮސްފައެވެ.

އެޗްޕީއޭއިން ވަނީ ނެގެޓިވް ޕީސީއާރު ޓެސްޓާއެކު ރަށްރަށް ދިޔަ ކަމުގައި ވިޔަސް މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުމާއި ގިނަމީހުން އެއްވެގެން ބޮޑެތި ހަރަކާތްތައް ނުބޭއްވުމަށް އިލްތިމާސް ކޮށްފައެވެ.