ޒަރޫރީ ބޭނުންތަކަށް އައްޑޫ އާއި ފުވައްމުލަކާ ދެމެދު ފެރީގެ ހިދުމަތް ދޭން ނިންމައިފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާއިން ނެރުނު އިއުލާނެއްގައި ބުނީ ސިއްހީ ހިދުމަތާ އެހެނިހެން ޒަރޫރީ ބޭނުންތަކަށް އައްޑޫސިޓީ އަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް މަގުފަހިކުރުމުގެ ގޮތުން އެމްޓީސީސީ އާ އެކު އެއިދާރާ އާ ދެމެދު މަޝްވަރާކޮށްފައިވާ ކަމަށެވެ.

އެ މަޝްވަރާގައި އައްޑޫ އާ ފުވައްމުލަކާ ދެމެދު ހަފްތާއަކު 2 ފެރީ، މޮނިޓަރިން އުވާލެވެންދެން ބޭއްވުމަށް އެއްބަސްވެފައިވާ ކަމަށް އެއިއުލާނުގައި ބުނެއެވެ.

އެހެންކަމުން އައްޑޫ އާ ފުވައްމުލަކާ ދެމެދު ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން ފުވައްމުލަކު އީއޯސީއިން ހުއްދަ ހޯދުމަށްފަހު އެމްޓީސީސީ އިން ޓިކެޓް ނަގައިގެން، މާދަމާއިން ފެށިގެން ދަތުރު އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އެއިއުލާނުގައި ބުނެއެވެ.

އެގޮތަށް ދަތުރު ކުރާއިރު މޮނިޓަރިންގައިވާ ރަށްރަށަށް ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އައްޑޫ އާ ފުވައްމުކަލާ ދެމެދު ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން ޕޯޓަލް ބޭނުންކޮށްގެން ދަތުރު ކުރެވޭނެ ކަމަށް ކައުންސިލް އިދާރާއިން ބުނެއެވެ.