މިނިވަންކަމުގެ ދިފާއުގައި ދިވެހީން ގެ ނަމުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލިޑިވްސް (ޕީޕީއެމް) އިން ގައުމީ ކެމްޕޭނެއް ފަށައިފިއެވެ.
ޕީޕީއެމް އިން މިހާރު ކުރިއަށް ގެންދާ ޖަލްސާ ގައި ގައުމީ މި ކެމްޕޭން ފައްޓަވައިދެއްވީ ޕީޕީއެމް ހިންގެވުމާ ހަވާލުވެ ހުންނެވި، ޕީއެންސީ ގެ ރައީސް އަބްދުއްރަހީމްް އަބްދުﷲ (އަދުރޭ) އެވެ.
މި ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ ޕީޕީއެމް އަކީ ގައުމުގެ މިނިވަންކަން ގެއްލޭތަން ބަލަން ތިބޭނެ ބައެއް ނޫން ކަމަށެވެ. އެހެން ކަމުން ޕީޕީއެމްގެ އެ މަސައްކަތުގައި ދިވެހި އެންމެހާ ރައްޔިތުން ބައިވެރި ވުމަށާއި، އެކަމުގައި އެހެނިހެން ސިޔާސީ ލީޑަރުންވެސް ބައިވެރިވުމަށް އޭނާ ވަނީ ދައުވަތު ދެއްވާފައެވެ.
ޕީޕީއެމް އިން މިރޭ ފެށި ކެމްޕޭނަކީ ރައީސް ޔާމީންގެ އިސްނެންގެވުމާއެކު، މިނިވަންކަން ދިފާއު ކުރުމަށް ރައީސް ޔާމީންގެ ލަފާފުޅާއެކު ފެށި ކެމްޕޭނެއް ކަމަށް އެޕާޓީން ބުނެއެވެ.
އެ ޕާޓީން ފެށި މި ކެމްޕޭނުގައި ބައިވެރިވުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރްއެމް އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީގެ ލީޑަރުންނަށް ވެސް ޕީޕީއެމް އިން ވަނީ ދައުވަތު ދީފައެވެ. އޭގެ އިތުރުން ޑީއެންއޭ ގެ ބާނީ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އަލަށް އުފައްދަން މަސައްކަތްކުރާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފައުންޑަރު ދަނގެތި ދާއިރާގެ މުހައްމަދު ނާޒިމް އަށްވެސް އޭނާ ވަނީ ދައުވަތު ދެއްވާފައެވެ.
ޕީޕީއެމްގެ އެ ކެމްޕޭން ހަރަކާތް ބާރަށް ކުރިއަށް ގެންދަން ނިންމާފައި ވާއިރު، އަބްދުއްރަހީމް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ޕީޕީއެމްގެ އެ ކެމްޕޭނުގައި ބައިވެރިވެވަޑައިގަތުމަށް ދައުއުވަތު އަރުވާފައެވެ.
ޕީޕީއެމްއިން މިރޭ ކެމްޕޭން ހަރަކާތެއް ލޯންޗް ކުރި އިރު، ދާދިފަހުން ވަނީ އެެއް ޕާޓީން އަނެއް ޕާޓީއަށް ބަދަލުވެ ވަޑައިގެންނެވި ބައެއް ސިޔާސީ މެންބަރުން އަލުން ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ. އެގޮތުން، މި ސަރުކާރުގެ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި، ކުރީގެ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް އާއި، އިހަވަންދޫ ދާއިރާގެ ކުރީގެ މަކިލީސް މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ފަދަ ބޭފުޅުން ހިމެނެއެވެ.