އައްޑޫގެ ގަމުގައި ހުންނަ ފްލައިން ސްކޫލް ކުރިން ހިންގަމުން އައި އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) ގައި ކިޔަވާ ދަރިވަރުންގެ ކިޔެވުން ހުއްޓި ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަގުތީ އަމުރު ނުދިނުމަށް އެ ކޯޓުން ނިންމައިފިއެވެ.

ސިވިލް ކޯޓުން މި ނިންމުން ނިންމާފައި ވަނީ، ޕައިލެޓުން ތަމްރީނު ކުރުމުގެ ނަމުގައި އެތައް ދަރިވަރުން ތަކެއްގެ އަތުން ބޮޑު ފީއެއް ނަގައި، ކޯސް ދިގުލައިގެން ގޮސް، އެންމެ ފަހުން ކިޔެވުން ކުރިއަށް ގެންދެވޭނެ މަގު ބަންދުވުމުން އޭއޭއޭގެ އަތުން ބޮޑު ބަދަލެއް ނަގައިދިނުމަށް އެދި 48 ދަރިވަރުންގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހަޅައި، ވަގުތީ އަމުރެއް ނެރުމަށް އެދުމުންނެވެ.

އެ ހުށަހެޅުމާ އެއްގޮތަށް ވަގުތީ އަމުރެއް ނެރެދެވެން ނެތްކަމަށް ކޯޓުން ނިންމި ނިންމުމުގައި ވަނީ، މައްސަލައިގެ ދައުވާގައި އޭއޭއޭގެ އެއްވެސް މުދަލެއް ހޯދުމަށް އެދިފައި ނުވާ ކަމަށާއި، އެދިފައިވަނީ، ދަރިވަރުންނަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކަމަށެވެ. މައްސަލަ ރައްދުވާ ފަރާތަކީ ބޭރުގެ ފަރާތްތަކެއްގެ ހިއްސާ އޮންނަ ކުންފުންޏެއް ނަމަވެސް އެ ކުންފުނީގެ މުދަލާއި ވަސީލަތްތައް ރާއްޖޭގެ އިހުތިސާސް ހިނގާ ސަރަހައްދުތަކުގައި ހުރި ކަމަށާއި، އެ ތަކެތި ރާއްޖޭގެ އިހުތިސާސް ހިނގާ ސަރަހައްދުން ބޭރަށް ބަދަލުކުރަން ނުވަތަ ވިއްކާލަން މަސައްކަތް ކުރަމުން ދާކަން ޝަރީއަތަށް އަދި އެނގެން ނެތްކަމަށެވެ. އެހެންކަމުން އަމުރު ނުނެރުމުގެ ސަބަބުން ކޯޓުގެ ހުކުމް ތަންފީޒު ކުރުމަށް ހުރަސް އެޅިދާނެ ކަމަށް ޝަރީއަތަށް ނުފެންނަ ކަމަށެވެ.

މި މައްސަލައިގައި ނިހާއީ ހުކުމެއް ކުރުމުގެ ކުރިން، އޭއޭއޭގެ މުއާމަލާތްތައް ހުއްޓުވައި، ބޭންކު އެކައުންޓްތަކުން ފައިސާގެ މުއާމަލާތްތައް ހުއްޓުވުމަށް ބޭންކުތަކަށް އަމުރު ކޮށްފި ނަމަ ކުންފުނީގެ ވިޔަފާރިއަށް ހުރަސް އެޅިދާނެ ކަމަށް ފެންނަ ކަމަށް ސިވިލް ކޯޓުން ބުނެފައިވެއެވެ. އަދި މިފަދަ މުއާމަލާތް މަނާ ކުރަން އަމުރެއް ނެރެން ޖެހޭނެ ފަދަ ސަބަބެއް، މައްސަލަ ހުށަހެޅި ފަރާތަށް ބުނެދެވިފައި ނުވާ ކަމަށް އެ ކޯޓުން ބުނެފައި ވެއެވެ.

މީގެ އިތުރުން މިފަދަ ވަގުތީ އަމުރެއް ނެރުމަކީ ފްލައިން ސްކޫލުގެ ދަރިވަރުންގެ ކިޔެވުން ހުއްޓުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ކޯޓުން ބުނެފައި ވެއެވެ.

48 ދަރިވަރުންގެ ފަރާތުން ކޯޓަށް މި މައްސަލަ ހުށަހަޅައި ތަމްސީލު ކުރަނީ ޕްރިމިއާ ޗެމްބާސް އިންނެވެ. އެގޮތުން މި ދަރިވަރުންގެ ފަރާތުން ވަނީ ދަރިވަރުން އޭއޭއޭ އަށް ދައްކާފައިވާ 1،835،090.12 ޑޮލަރަކީ ފްލައިން ސްކޫލުން އެއްބަސްވުމާ ހިލާފުވުމުގެ ސަބަބުން ލިބިފައިވާ ސީދާ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ ދަރިވަރުންނަށް ދައްކަންޖެހޭ ފައިސާ ކަމަށް ކަނޑައަޅައި ހަތް ދުވަހުގެ ތެރޭގައި ދަރިވަރުންނަށް އެ ފައިސާ އެއްފަހަރާ ދިނުމަށް އަމުރުކޮށް ދިނުމަށެވެ.

މި މައްސަލަ ކޯޓުގައި އޮއްވައި، އޭއޭއޭ އިން މިދިޔަ މަހު ވަނީ ފްލައިން ސްކޫލް އެވިޑު ކޮލެޖަށް ވިއްކާލައިފައެވެ. އަދި އެވިޑު ކޮލެޖުން މިހާރު ވަނީ ސްކޫލުގެ ނަން އެވިޑް ސްކޫލް އޮފް އޭވިއޭޝަން (އަސާ) އަށް ބަދަލުކޮށް، ސްކޫލުގެ ކިޔެވުން އަލުން ފަށާފައެވެ.