ރާއްޖޭގައި ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިން ޖެހޭ އާބާދީގެ 27 ފަސެންޓް މީހުން އަދިވެސް ވެކްސިންގެ އެއްވެސް ޑޯޒެއް ޖަހާފައި ނުވާ ކަމަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެއްޖެއެވެ.

އެޗްއީއޯސީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ ވެކްސިން ނުޖަހާ ހުރިނަމަ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ވެކްސިންގެ ދެވަނަ ޑޯޒް ނުޖަހާ ފަރާތްތަކަށްވެސް ވެކްސިން ޖެހުމަށް ބާރު އަޅަން އެދިވަޑައިގަންނަވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ވެކްސިން ދިނުމުގެ ބޮޑު ޕްރޮގްރާމް އަންނަ ހޮނިހިރު ދުވަހު ފެށުމަށް ވަނީ ނިންމާފައެވެ. ޑރ. ނަޒްލާ ވިދާޅުވީ، ގައުމީ އެހެން ކަންކަމުގައިވެސް އެންމެން އެކުގައި އުޅޭ ފަދައިން ވެކްސިން ޖެހުމަކީ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ، އާއްމު ހާލަތަކަށް ދިއުމަށް އެންމެ މުހިންމު ހަތިޔާރަކީ ވެކްސިންއެވެ.

"އެހެންވީމަ މިވަރުުގެ އިތުރު ރާޅެއް އަޔަ ނުދިނުމަށާއި، އަދި ބަލި ކޮންމެވެސް ވަރަކަށް ފެތުރުނު ކަމުގައި ވިޔަސް ބަލީގައި މީހުންނަށް ބޮޑުވަރު ވިޔަ ނުދިނުމަށް އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަކީ ވެކްސިން ޖެހުން."
ޑރ. ފާތުމަތު ނަޒްލާ ރަފީގް

ކޮވިޝީޅްޑްގެ ފުރަތަމަ ޑޯޒް ޖަހާފައި ހުއްޓާ މާބަނޑުކަން އެނގުނު ފަރާތްތަކަށް ފައިޒާ ވެކްސިން ޖެހޭނެ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޑރ. ނަޒްލާ މުސްތަފާ މިއަދު ވަނީ ވިދާޅުވެއްޖެއެވެ.

ސަރުކާރުން ބުނެފައި ވަނީ ހޮނިހިރު ދުވަހު ފަށާ ވެކްސިން ޕްރޮގްރާމުގެ އަމާޒަކީ ވެކްސިން ޖަހާ އުމުރުގެ 90 އިންސައްތަ މީހުންނަށް އޮގަސްޓް މަހުގެ ނިޔަލަށް ވެކްސިން ޖަހައި ނިންމުން ކަމަށެވެ.