ކޮވިޝީޅްޑްގެ ފުރަތަމަ ޑޯޒް ޖަހާފައި ހުއްޓާ މާބަނޑުކަން އެނގުނު ފަރާތްތަކަށް ފައިޒާ ވެކްސިން ޖެހޭނެކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.
ޑރ. ނަޒްލާ މިގޮތަށް ވިދާލުވެފައި ވަނީ ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި މައުލޫމާތު ދެއްވަމުންނެވެ.
ޑރ. ނަޒްލާ ވިދާޅުވީ ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައި ހުއްޓާ މަާބަނޑުކަން އެނގުނު ފަރާތްތަކުން ފައިޒާ ވެކްސިން ޖެހޭ ގޮތަށް ޓެގް ޓީމުން ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް މިވަގުތު ފައިޒާ ވެކްސިންގެ ސްޓޮކް ވަނީ ހުސްވެފައި ކަމަށާ، ފައިޒާ ވެކްސިން ސްޓޮކް ލިބުނުހާ އަވަހަކަށް މިކަން އިއުލާން ކުރާނެ ކަމަށެވެ.
ޑރ. ނަޒްލާ ވަނީ ވެކްސިން ޖެހުމުގެ މުހިިންމުކަމާ، ވެކްސިން ޖެހުމުން ބަލިން ރައްކާތެރިވުމަށް ފުރުސަތު އޮތް މިންވަރު ހާމަކޮށްދެއްވާފައެވެ. އެގޮތުން މި ބަލި ކޮންޓްރޯލް ކުރުމަށް ފަސޭހަވާނީ ގިނަ ބަޔަކު ވެކްސިން ފުރިހަމަ ކުރުމުން ކަމަށް ވެސް ނަޒްލާ ވިދާޅުވެފައިވެއެވެ.
ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އަވަށްޓެރި އިންޑިއާ، ސްރިލަންކާ، ބަންގްލަދޭޝް އަދި ނޭޕާލްއަށް ބަލައިލި ކަމުގައި ވިޔަސް ވެކްސިން ޖެހުމުގައި ރާއްޖެ އޮތީ ވަރަށް ކުރީގައި ކަމެވެ. އަދި މިމަހުގެ 31 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ވެކްސިން ޖެހުމުގެ ޕްރޮގްރާމުގައި މިހާރު ވެކްސިން ޖަހާފައި ނުވާ ފަރާތްތަކުން އަވަހަށް ވެކްސިން ފުރިހަމަ ކުރުމަށް ވެސް ޑރ. ނަޒްލާ ރަފީގް ވަނީ އިލްތިމާސް ކުރައްވާފައެވެ.
މިމަހުގެ 31 ވަނަ ދުވަހު ފަށާ ވެކްސިން ދިނުމުގެ ބޮޑު ޕްރޮގްރާމްގައި ވެކްސިން ޖެހޭ އާބާދީގެ 90 ޕަސަންޓު މީހުންނަށް ވެކްސިން ދިނުމަށް ވަނީ ނިންމާފައެވެ.