ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް އިތުރު ވަމުން ދަނިކޮށް، ރައްކާތެރި ކަމުގެ ހަރުކަށި ފިޔަވަޅުތަކަށް، އެ ގައުމުގެ ސަރުކާރުން ލުއި ދިނުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތައް، މެލޭޝިއާ ސަރުކާރަށް އަމާޒު ވާން ފަށައިފިއެވެ.

ކޮވިޑް-19 ޖެހިގެން މެލޭޝިއާއިން ރިޕޯޓް ކޮށްފައި ވާ ކޭސްތަކުގެ އަދަދު 1 މިލިއަންގެ ފާހަގަ ހުރަސްކޮށް، މަރުގެ ކޭސްތަކުގެ އަދަދު 8000 އަށް ވުރެ މައްޗަށް އަރާފައި ވާއިރު، ތަޖުރިބާކާރުން ދަނީ، ހަގީގީ އަދަދުތައް މިއަށް ވުރެ އެތައް ގުނައެއް އިތުރު ވާނެ ކަމަށް އިންޒާރު ކުރަމުންނެވެ. ސަބަބެއް ކަމުގައި ބުނަނީ ކޮވިޑަށް ޓެސްޓު ކުރުން މަދުވުމެވެ.

މެލޭޝިއާއިން ލިބެމުންދާ މަންޒަރުތަކަށް ބަލާއިރު ހޮސްޕިޓަލުތަކަށް ވަނީ އިންތިހާއަށް ބާރު ބޮޑުވެފައެވެ. އޮކްސިޖަން ގުޅަން ޖެހޭ ހާލަތުގައި ތިބި ޕޭޝަންޓުންނަށްވެސް އެނދެއް ނުލިބި، ގޮނޑިތަކުގައި ބައިތިއްބައިގެން ފަރުވާ ދޭ މަންޒަރު ދަނީ ފެންނަމުންނެވެ. އަދި ބައެއް ޕޭޝަންޓުން އޮކްސިޖަން ސިލިންޑަރު ހިއްސާ ކުރަން ޖެހޭ މަންޒަރުވެސް ފެނެއެވެ.

މެލޭޝިއާގައި މިވަގުތު ކުއްލި ނުރައްކާ އިއުލާން ކޮށްފައި އޮތް ނަމަވެސް، އޯގަސްޓް 1 ވަނަ ދުވަހަށް އެ އަމުރުގެ މުއްދަތު ހަމަވެއެވެ. އަދި އެއަށްފަހު، އެ އަމުރު ދަންމާލުމަށް ނިންމާފައެއް ނުވެއެވެ.

މި ގޮތަށް ނިންމާފައި ވަނީ ހުސްވި ހަފުތާގެ ތެރޭގައެވެ. އަދި އެކަމާ ބެހޭ މައުލޫމާތު ހިއްސާ ކޮށްފައި ނުވާ ކަމަށް، މެލޭޝިއާގެ އިދިކޮޅު ލީޑަރުން ވަނީ ވިދާޅުވެފައެވެ. އަދި މިފަދަ ނިންމުމެއްގެ ސަބަބުން، އާންމު މުޖުތަމައަށް ކުރާނެ އަސަރު އެނގެން ބޭނުން ވާ ކަމަށްވެސް އެ ފަރާތްތަކުން ވަނީ ވިދާޅުވެފައެވެ.

މި ދަނޑިވަޅަކީ އިންޑިއާއިން ފެންމަތިވި ޑެލްޓާ ވޭރިއަންޓާ ގުޅިގެން ގިނަ ގައުމުތަކެއްގައި ކޮވިޑް ކޭސްތައް އިތުރު ވަމުން އަންނަ ދަނޑިވަޅެކެވެ. އެގޮތުން އިރުމަތީ ބިތުގެ ގައުމުތަކަށް މި ދުވަސްވަރު ވަކިން ނުރައްކާ ބޮޑު ވެފައި ވާ ކަމަށް ހަބަރު ލިބެއެވެ.

މެލޭޝިއާގެ ހާލަތުވެސް ގޯހުން ގޯހަށް ދާއިރު، އެތައް ސަތޭކަ ޖޫނިއާ ޑޮކްޓަރުންތަކެއް ވަނީ، ހޮސްޕިޓަލުތަކާ މެޑިކަލް ފެސިލިޓީތައް ދޫކޮށްލާފައެވެ. އެމީހުން ބުނަމުން ދަނީ ދާއިމީ ވަޒީފާ ބޭނުން ވާ ކަމަށާ، މަސައްކަތުގެ މާހައުލުގެ ފެންވަރު، މިހާތަނަށް ވުރެ ރަނގަޅު ވާން ޖެހޭ ކަމަށެވެ.