އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ 5 ރަށެއްގެ ބައި-އިލެކްޝަންގައި ރީ-ރަޖިސްޓްރީ ވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި ފުރުސަތުގައި ރަޖިސްޓްރީވީ އެންމެ 30 މީހުން ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އިލެކްޝަން ކޮމިޝަން އިން ބުނީ މި ފުރުސަތު މިއަދު 15:00 ގައި ހަމަވެފައި ވާއިރު، ރަޖިސްޓްރީ ވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީވީ ޖުމްލަ 30 މީހުން ކަމަށާއި އެއީ އއ. ފެރިދޫ 27 މީހަކާއި ނ. މަގޫދޫ އިން 3 މީހަކު ކަމަށެވެ.

މި އިންތިހާބުގައި މުޅި ޖުމްލަ 4937 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ ކަމަށް އީސީ އިން ވަނީ ބުނެފައެވެ.

މި އިންތިހާބުގެ ރީ ރަޖިސްޓްރީވުމަށް އިލެކްޝަން ކޮމިޝަން އިން ހުޅުވާލީ އިލެކްޝަން ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮން އޮންލައިންކޮށެވެ.

އޮގަސްޓް 7 ،2021 ގައި ހދ. ނޮޅިވަރަން، ނ. މަގޫދޫ، ނ. ކެނދިކުޅުދޫ، ކ. ދިއްފުށި އަދި އއ. ފެރިދޫ ގައި ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލާން ރަޖިސްޓަރީ ވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި އޮންލައިންކޮން ރަޖިސްޓަރީ ވުމުގެ ފުރުސަތު ހުޅުވާލައި ލީ މި މަހުގެ 22 ވަނަ ދުވަހުގައެވެ.

ވިލިމާލެ، ހުޅުމާލެގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތައް ވާނީ މާލެއަށް ބަދަލު ކޮށްފައި ކަމަށާއި އަދި މާލެ ފިޔަވާ އެހެން ތަނެއްގައި ރަޖިސްޓަރީ ކޮށްފައިވާ ނަމަ، އެފަރާތެއް ވާނީ އެމީހެއްގެ ދާއިމީ އެޑްރެހަށް ބަދަލު ކޮށްފައި ކަމަށް އިލެކްޝަންއިން މީގެ ކުރިން ވަނީ ބުނެއެވެ.

މިއީ އެ ކޮމިޝަނުން ކުރިއަށް އޮތް އިންތިހާބު ތަކުގައިވެސް އޮންލައިންކޮށް، ރީރަޖިސްޓްރޭޝަންގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ކުރާ ފުރަތަމަ ތަޖުރިބާ ކަމަށް އިލެކްޝަނުން ބުނެއެވެ.