ރާއްޖޭގެ ރައްޔިތުންނަށް ކޮވިޑް ވެކްސިން ޖެހުމުގެ ބޮޑު ޕްރޮގްރާމެއް އޮގަސްޓް މަހު ބޭއްވުމަށް ހަމަޖެހިފައި ވާކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާލުވެއްޖެއެވެ.

ރާއްޖޭގެ 56 ވަަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތޯބުގައި އެމްނިކުފާނު ވިދާޅުވީ ކޮވިޑް ވެކްސިން ޖެހުމުގެ ފުރުސަތު ރާއްޖޭގެ ރައްޔިތުންނަށް ލިބުމަކީ ވަރަށް ބޮޑު ނަސީބެއް ކަމަށެވެ.

އަދި އަމާޒަކީ ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ މީހުންގެ 90 ޕަސަންޓު މީހުން އޮގަސްޓް މަހުގެ ނިޔަލަށް ވެކްސިން ޑޯޒް ފުރިހަމަކޮށް ނިންމުން ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި މިވަގުތު ވެކްސިން ނުޖަހާ ތިބި މީހުންނަށް 2 ޑޯޒް ހަމަވާވަރަށް މިހާރު ރާއްޖެއަށް ހުރީ ވެކްސިން ގެނެވިފައި ކަމަށެެވެ. އަދި އަމާޒަކީ އޮގަސްޓުގައި ފަށާ ޕްރޮގްރާމްގެ ދަށުން ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ވެކްސިން ޖަހާ ނިންމުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މިއަންނަ ހަފްތާގެ ތެރޭގައި މާތް ﷲ ގެ ވާގިފުޅާއެކު އަޅުގަނޑުމެން މި ފަށަނީ ރާއްޖޭގައި އުޅޭ އެންމެނަށް ކޮވިޑް ވެކްސިން ޖެހުމުގެ ވަރަށް ބޮޑު ޕްރޮގްރާމެއް. ސަރުކާރުގެ އެންމެ ފުރަތަމަ އަމާޒަކީ ރާއްޖޭގައި އުޅޭ އެންމެންގެ ތެރެއިން ވެކްސިން ޖަހާ އުމުރުގެ 90 އިންސައްތަ މީހުންނަށް މި ފެށޭ އޮގަސްޓް މަހުގެ ނިޔަލަށް ވެކްސިން ޖަހާ ނިންމުން.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ރައީސް ވިދާޅުވެފައި ވަނީ ވެކްސިން ޖެހުމުގެ ފުރުސަތަކީ މިވަގުތު ދުނިޔޭގެ ވަރަށް މަދު ގައުމަކަށް ލިބިފައިވާ ވަރަށް ބޮޑު ނަސީބެއް ކަމަށެވެ. އެހެންކަމުންް މި ފުރުސަތުގެ ބޭނުން ހިފާ ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރުމަށް ރައީސް ވަނީ ރައްޔިތުނަށް އިލްތިމާސް ކުރައްވާފައެވެ.

ރައީސް ވަނީ ކޮވިޑްގެ ބަލިމަޑުކަމުގައި ސިއްހީ ހިދުމަތްތެރިންނާއި ދިވެހި ސިފައިން އަދި ފުލުހުން އަދި ހިލޭސާބަހަށް މަސައްކަތް ކުރާ ފަރާތްތަކުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.

އަންނަ އޮގަސްޓުގައި ވެކްސިންގެ ބޮޑު ޕްރޮގްރާމެއް ފަށާއިރު ޗައިނާއިން 400،000 ޑޯޒް ރާއްޖެއަށް ދޭން އޮތީ ނިންމާފައެވެ. ނަމަވެސް ރާއްޖެއިން ފައިސާ ހަރަދުކުރި 700،000 ޑޯޒް އަސްޓްރާޒެނިކާ ވެކްސިނާއި އިންޑިއާއިން ގަންނަން ފައިސާ ދެއްކި 100،000 ޑޯޒް އަންނާނެ ދުވަހެއް ނޭނގެއެވެ. އެ ކަމުގައި ސަރުކާރުން އެކި ތާރީހުތައް ދިން ނަމަވެސް އެއިން އެއްވެސް ތާރީހަކަށް އެ ވެކްސިނެއް ނައެވެ.