މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ދިދަ އެ ޕާޓީ އިން އާންމުކޮށްފިއެެވެ.
އެ ޕާޓީގެ ކުލައަކީ ގަދަ ނޫކުލަ ކަމަށް ވާއިރު އެ ޕާޓީގެ ދިދައިން ދައްކުވައިދެނީ ހުދު ހަނދުފަޅިއަކާއި 3 ތަރި އަދި ފެހި ރުކެއްގެ 6 ފަނެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރުގެ ރައްޔިތުން މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އިސްވެ ހުންނަވައިގެން އުފައްދަވާ އެ ޕާޓީ އަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މި މަހުގެ 15 ވަނަ ދުވަހު ވަނީ ޕާޓީ އުފެއްދުމުގެ ހުއްދަ ދީފައެވެ.
"މޯލްޑިވްސް ނޭޝަނަލް ޕާޓީ" ގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރުމަށް އީސީ އިން ހުއްދަ ދީފައިވަނީ ރައްޔިތުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމަށެވެ.
އުޝާމާއެކު ޕާޓީ ހެއްދެވުމުގެ މަސައްކަތުގައި އުޅުއްވަނީ ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު (ޖޭ4) އެވެ.
އާ ޕާޓީ ހައްދަވަން ކާނަލް ނާޒިމާއި ރިޔާޒު ވަނީ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފައެވެ.
މީގެ ކުރިން "ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ނާޒިމް ވިދާޅުވީ، މިހާރު ސިޔާސީ ޕާޓީ އުފެއްދުމުގެ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެ ގޮތުން 3000 މެންބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އަބްދުﷲ ރިޔާޒަކީ ނާޒިމްގެ ވަރަށް އަރިސް ބޭފުޅެކެވެ. ގާތް ރަހްމަތްރިކަމެއް އެ ދެބޭފުޅުންގެ ދެމެދުގައި އޮތް އިރު މީގެ ކުރިންވެސް ނާޒިމްއާއި އަބްދުﷲ ރިޔާޒް ގުޅިވަޑަިއގެން ސިޔާސީ ޕާޓީއެއް އުފައްދަވަން އުޅުއްވިއެވެ.
ވަރަށްސަޅި ދިދަ ލޯގޯ މަރުހަބާ ނާޒިމް