ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2)ގެ އަސްލު ދެނެގަތުމަށްޓަކާ، އެމެރިކާގެ ފޯޓް ޑެޓްރިކް ލެބުގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ޗައިނާގެ އެތައް މިލިއަން ރައްޔިތުންނެއް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަށް ގޮވާލައިފިއެވެ.
އެމެރިކާގެ އަސްކަރީ މަރުކަޒެއް ކަމަށް ވާ، ފޯޓް ޑެޓްރިކް ލެބުގެ ތަހުގީގެއް ހިންގުމަށް ގޮވާލާ އޯޕަން ލެޓާ ޕެޓިޝަންގައި، ހަފުތާއަކަށް ވުރެ ކުޑަ މުއްދަތެއްގެ ތެރޭގައި، ޗައިނާއިން 10 މިލިއަނަށް ވުރެ ގިނަ މީހުން ސޮއި ކޮށްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.
މިއީ ކޮވިޑް-19ގެ އަސްލު ދެނެގަތުމާ ގުޅިގެން އުފެދިފައިވާ ހައިޖާނުގައި، ޗައިނާއާ ގުޅުވައިގެން އެމެރިކާއިން ކަންކަން "ސިޔާސީ ކުރަން" އުޅޭތީ އެކަމާ ހިތްހަމަ ނުޖެހި، ނަފުރަތު ކުރަމުން އަންނަ މީހުން ކަމަށް މައުލޫމާތު ލިބެއެވެ.
ޗައިނާގެ އޮބްޒާވަރުން ވިދާޅުވީ، އެމެރިކާގެ ލެބާ ގުޅިގެން ސައްހަ ވާހަކަތަކަކާއެކު ޖަވާބުދާރީ ނުވަނީސް ޗައިނާގެ ރައްޔިތުން ހުއްޓާ ނުލާނެ ކަމަށެވެ. އަދި އެމެރިކާގެ ސިޔާސީ ހަތިޔާރަކަށް ވުމުގެ ބަދަލުގައި، އަސްލު މައްސަލައަށް ބަލައިގެން ކަންކަން ކުރިއަށް ގެންދިއުމަށްވެސް ޗައިނާގެ ރައްޔިތުން ޑަބްލިއުއެޗްއޯއަށް ގޮވާލާކަމަށް ޗައިނާގެ އޮބްޒާވަރުން ވިދާޅުވެއެވެ.
ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށީ ޗައިނާގެ ވޫހާން ސިޓީއިންނެވެ. ބޮޑެތި ހުރަސްތަކަކާއެކުގައިވެސް ޑަބްލިއުއެޗްއޯގެ މިނިވަން ތަހުގީގު ޓީމަކުން ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވޫހާންގައި މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް ތަހުގީގުތަކުންވެސް މާ ބޮޑު ކުރިއެރުމެއް ނުލިބެއެވެ. ވައިރަހުގެ އަސްލަކީ ލެބް ލީކެއް ކަމަށް ބުނާ ބުނުންވެސް 100 ޕަސެންޓް ބާތިލު ކުރެވޭ ގޮތެއް ނުވެއެވެ.
ކޮވިޑް-19ގެ އިލްޒާމް، އެތައް ގައުމަކުން ޗައިނާއަށް އަމާޒު ކުރަމުން ދާއިރު، ޗައިނާއިން އެ ތުހުމަތުތަކަށް އިންކާރު ކުރެއެވެ. އަދި ޗައިނާއަށް އެ ބަލި އައީ އެހެން ހިސާބަކުން ކަމަށްވެސް އެ ގައުމުން ބުނެފައި އެބަހުއްޓެވެ.