ދިފާއީ މަސްރަހު އިންތިހާއަށް ނުތަނަވަސް ވެފައިވާ އަފްގާނިސްތާނުގެ ބޯޑަރު ސަރަހައްދުގައި ރަޝިއާއިން ބަރުހަތިޔާރު ބަހައްޓައިފިއެވެ.

އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާގެ އަސްކަރީ ފައުޖުތައް އެ ގައުމުން ފައިބަމުންދާ މި ދަނޑިވަޅުގައި ތޯލިބާން ހަނގުރާމަވެރިން އަފްގާނިސްތާނަށް އަތްގަދަ ކުރަމުން އަންނަ އިރު، ރަޝިއާއިން ވަނީ ތަޖިކިސްތާނުގައި ހުންނަ އެގައުމުގެ އަސްކަރީ ބޭސް ސަރަހައްދުގައި، އަސްކަރީ ބަރު ހަތިޔާރު ބަހައްޓާފައެވެ.

އަފްގާނިސްތާނުން ތަޖިކިސްތާނަށް ދެވެން އޮންނަ ބޯޑަރު ސަރަހައްދުގެ ކޮންޓްރޯލް ނަގާފައި ވަނީ ތޯލިބާނުން ކަމަށް މައުލޫމާތު ލިބެއެވެ.

ބޯޑަރު ހުރަސްކޮށް ހަނގުރާމަވެރިންގެ ނުފޫޒު ފޯރާފާނެ ކަމުގެ ބިރައްޓަކާ، އަފްގާނިސްތާނާ ބޯޑަރު ހިއްސާ ކުރާ ގައުމުތަކުން ދަނީ ދިފާއީ ފިޔަވަޅުތައް ވަރުގަދަ ކޮށް އަސްކަރީ ހަރަކާތްތައް އިތުރު ކުރަމުން ކަން ފާހަގަ ކުރަން ޖެހެއެވެ.

ރަޝިއާގެ އަސްކަރީ ބަރު ހަތިޔާރުތައް ތަޖިކިސްތާން-އަފްގާން ބޯޑަރު ސަރަހައްދަށް ނެރެފައި ވާއިރު، ތަޖިކިސްތާނުންވެސް ވަނީ އެ ގައުމުގައި މިހާތަނަށް ބޭއްވި އަސްކަރީ އެންމެ ބޮޑު ހަރަކާތް، ބުރާސްފަތި ދުވަހު ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ރިޒާވްގައި ތިބި 130000 އެއްހާ ސިފައިންގެ އިތުރުން މިހަރުވެސް ހިދުމަތުގައި ތިބި 100000 އެއްހާ ސިފައިން ބައިވެރިކޮށްގެން، 3 ގަޑިއިރުގެ ތަމްރީނުތަކެއް ކުރިއަށް ގެންދިޔަ ކަން ފާހަގަ ކުރަން ޖެހެއެވެ.

މި ދަނޑީވަޅުގައި އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބުމަކީ ހޭދޭ ގޯހެއް ކަމަށް، އަފްގާނިސްތާނު ހަނގުރާމަ ފެއްޓެވި، އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝް ވަނީ ވިދާޅުވެފައެވެ.