އިސްތިރާޖީ ގޮތުން މުހިންމު ހައިސިއްޔަތެއް ދީފައިވާ ސްޓްރެއިޓް އޮފް ހޮރްމޫޒް ނުވަތަ ހޮރްމޫޒު ކަނޑުއޮޅިއާ ނުބެހި ތެޔޮ އެކްސްޕޯޓް ކުރެވޭ ގޮތަށް ޓާމިނަލެއް އަޅާ، ތެޔޮ އެކްސްޕޯޓް ކުރުމުގެ މަސައްކަތް ފަށާފައި ވާ ކަމަށް އީރާންގެ ރައީސް ހަސަން ރޫހާނީ އިއުލާން ކުރައްވައިފިއެވެ.
އީރާނުން ކުރިއަށް ގެންދާ ޔުރޭނިއަމް މުއްސަނދި ކުރުމުގެ މަޝްރޫއާ ގުޅިގެން އެމެރިކާއިން ތަންފީޒު ކުރަމުން އަންނަ ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން، އީރާނަށް އާމްދަނީ ވަންނާނެ މަގުތައް ބަންދު ކުރުމުގެ ގޮތުން، ހޮރްމޫޒު ކަނޑުއޮޅިއަކީ އެމެރިކާގެ އަސްކަރީ މަނަވަރުފަހަރުތަކުން އީރާނަށް ބަންދު ކޮށްފައި ވާ ކަނޑު އޮޅިއެކެވެ. މި މަގަކީ އީރާންގެ ތެލުގެ އެކްސްޕޯޓަށް އިންތިހާއަށް މުހިންމު މަގެކެވެ.
ހޮރްމޫޒް ކަނޑުއޮޅިއާ ނުބެހި އެ ގައުމަށް ތެޔޮ އެކްސްޕޯޓް ކުރަން ފެށޭ ގޮތް ވުމަކީ، އެމެރިކާ ބަލި ކުރެވުން ކަމުގައި އީރާނުން ދަނީ ސިފަ ކުރަމުންނެވެ.
އީރާނުން އަލަށް ހުޅުވި ތެޔޮ އެކްސްޕޯޓް ކުރާ ޓާމިނަލް އަޅާފައި ވަނީ ގަލްފް އޮފް އޮމާންގެ ޖަސްކު ޕޯޓާ ދާދި ކައިރީގައެވެ. މިއާއެކު، ހޮރްމޫޒް ކަނޑުއޮޅިއާ ނުބެހި، އަރަބި ކަނޑަށް ބޯޓު ފަހަރަށް ނިކުމެވޭނެ މަގު ތަނަވަސްވެއެވެ. މި ރާސްތާގެ ސަބަބުން، ތެޔޮ ޓޭންކަރުތަކުގެ ދަތުރާއި އިންޝުއަރަންސް އަށް ހިނގާ ހަރަދުތައްވެސް ކުޑަވެގެން ދާ ކަމަށް މައުލޫމާތު ލިބެއެވެ.
2019 ވަނަ އަހަރު މަސައްކަތް ފެށި އާ ޓާމިނަލް މަޝްރޫއަކީ 2 ބިލިއަން ޑޮލަރުގެ އަގުހުރި މަޝްރޫއެކެވެ. މި ޓާމިނަލަކީ ކަޑިއަކު 30000 ފީފާގެ ސާފު ނުކުރާ ތެޔޮ، ޓޭންކަރުތަކަށް ޕަންޕު ކުރުމުގެ ގާބިލުކަން ލިބިފައި ވާ ޓާމިނަލެކެވެ. އީރާނުން ވަނީ މި ޓާމިނަލަށް ތެޔޮ ސަޕްލައި ކުރުމަށްޓަކާ، 1000 ކިލޯމީޓަރުގެ ޕައިޕްލައިނެއްވެސް އަޅާފައެވެ.