އިނދަޖެހި ދިއުމުން ސަލާމަތް ކުރުމުގެ ބަދަލުގައި، ކުރިއެރުން ކަށަވަރު ކުރުވަނިވި ސިޔާސަތުތަކަށް އަމާޒުކޮށްގެން ދެމެހެއްޓެނިވި ކާމިޔާބީތައް ހާސިލުވާނެ ފަދަ ބީދައަކުން އިގުތިސާދީ ސިޔާސަތުތައް އިސްލާހު ކުރުމަށް ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް)ގެ ޑެޕިއުޓީ މެނޭޖިންގް ޑައިރެކްޓާ، ޖޮފްރީ އޮކަމޮޓޯ ގޮވާލައްވަފައިފިއެވެ.

އައިއެމްއެފްގެ ވެބްސައިޓްގައި ޝާއިއު ކުރި ބްލޮގް ޕޯސްޓެއްގައި އޮކަމޮޓޯ ވިދާޅުވީ، ކޮރޯނަވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ސަބަބުން އިގުތިސޯދީ ކުރިއެރުންތައް ލަސްވެ ނުވަތަ ފަހަތަށް ޖެހިފައި ވާ ކަމަށެވެ. އަދި މިކަންކަން އިޔާދަ ކުރުމަކީ، ބަލިމަޑުކަމުގެ ތެރޭގައި ގެއްލިދިޔަ އިގުތިސޯދީ އުފެއްދުންތެރިކަމުގެ ނިސްބަތް އަލުން އަތުލެވޭނެ ކަމެއް ކަމަށެވެ.

އޮކަމޮޓޯ ވިދާޅުވީ، އިސްލާހީ ބަދަލުތަކެއް ގެނައުމަކީ އުއްމީދު ގެނުވަނި އިގުތިސޯދީ ރޫހެއް އުފައްދާ ދޭނެ ކަމެއް ކަމަށެވެ. ކޮވިޑް-19ގެ ކުރިން ބަލިކަށިވެފައި އޮތް އިގުތިސޯދު ނަގާ ކޮޅަށް ޖަހަން އަސައެއް ދިށްކޮލުމުގެ ބަދަލުގައި، އިސްލާހީ ބަދަލުތަކެއް ގެނައުން ބުއްދިވެރިކަމަށް އޮކަމޮޓޯ ވަނީ ފާހަގަ ކުރައްވާފައެވެ.

އޮކަމޮޓޯގެ ވާހަކަ މިފަދަ ރޫހެއްގައި ހުރިއިރު، އައިއެމްއެފްއިން ދަނީ، ގައުމުތަކުގެ އިގުތިސޯދަށް ހެޔޮ ބަދަލު ގެނުވަނިވި އުސޫލަކުން އެ ގައުމުތަށް އެހީ ފޯރުކޮށްދިނުމަށް އެ އިދާރާގެ ސިޔާސަތުތަކަށް އިސްލާހީ ބަދަލު ގެންނަމުންނެވެ. އެގޮތުން އައިއެމްއެފްގެ އެހީއަކީ، ސިޔާސަތުތައް އިސްލާހް ކުރުމާ ގުޅިފައިވާ އެހީއެއް ކަމުގައި ހެދުމަށް އެ އިދާރާއިން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

މިފަދަ ފިޔަވަޅުތަކެއް އެޅުމަކީ، ބޮޑެތި އިގުތިސޯދުތަކާ އަރާ ހަމަ ކުރުމަށް ގައުމުތަކަށް ފުރުސަތު ހުޅުވިގެން ދާނެ ކަމެއް ކަމަށްވެސް އޮކަމޮޓޯ ވަނީ ފާހަގަ ކުރައްވާފައެވެ.