އަދުގެ ބާޒާރުގެ އަގުތަކަށް ބަލާއިރު 240 މިލިއަން ޑޮލަރުގެ އަގު ހުރި ތެލާއި ގޭސް ޑިޕޮސިޓްތަކެއް ފެނިފައި ވާ ކަމަށް، އަވަށްޓެރި ސްރީލަންކާގެ އެނާޖީ މިނިސްޓަރު އުދާޔަ ގަންމަންޕިލާ ހާމަ ކުރައްވައިފިއެވެ.

ގަންމަންޕިލާ ވިދާޅުވީ މި ރިޒާވްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފިއްޖެނަމަ، އެކަން ވެދާނީ، އެ ގައުމަށް މިހާރު ކުރިމަތިލާންޖެހިފައިވާ ދަރަނީގެ މައްސަލަތަކަށް ހައްލު ހޯދާދެނިވި ކަމަކަށް ކަމަށެވެ.

ބޭރުގެ ފަރާތްތަކަށް ލަންކާއިން ދަރާފައި ވާ ދަރަނީގެ އަގު 45 ބިލިއަން ޑޮލަރަށް އަރާފައި ވާ ކަން ފާހަގަ ކުރައްވަމުން ގަންމަންޕިލާ ވިދާޅުވީ، އެ ގައުމަށް ފެނިފައިވާ ތެލާއި ގޭހުގެ ޑިޕްސިޓްތަކަކީ 240 ބިލިއަން ޑޮލަރުގެ އަގުހުރި ގޭސް ޑިޕޮސިޓްތަކެއް ކަމަށެވެ.

ގަންމަންޕިލާ ވިދާޅުވީ، މިކަމާ ގުޅިގެން ތައްޔާރު ކޮށްފައި ވާ ގާނޫނު، ހޯމަ ދުވަހުގެ ވަގުތެއްގައި، ވަޒީރުންގެ މަޖިލީހުގެ ރުހުމަށް އެދި ހުށަހަޅަން ހަމަޖެހިފައި ވާ ކަމަށެވެ.

ވޯލްޑްބޭންކުގެ ރެކޯޑްތައް ދައްކާ ގޮތުން، (2019 ވަނަ އަހަރު) ސްރީލަންކާގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) ރެކޯޑް ކޮށްފައި ވަނީ 84.01 ބިލިއަން ޑޮލަރުގައެވެ. އަދި އެ އަހަރު، އެ ގައުމުގެ އިގުތިސޯދު، 2.3 ޕަސެންޓަށް ކުރިއަރާފައި ވާ ކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ. ނަމަވެސް 2020 ވަނަ އަހަރު ކުރިމަތިވި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ހިޔަނި، ސްރީލަންކާގެ އިގުތިސޯދީ ކުރިއެރުންތަކަށްވެސް ވަނީ އެޅިފައެވެ.