ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްތަކަށް ވަޑަގަންނަވާ ގޮތައް ނިންމަވައިފިއެވެ.
މި ދަތުރުފުޅު ކުރައްވަން ހަމަޖެހިފައިވަނީ މި ޖުލައި މަހުގެ 16 އިން 18 އަށެވެ.
ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވައި ކައުންސިލްތަކުގެ ބައިވެރިވުމާ އެކު ތަރައްގީގެ މަޝްރޫއުތަކާއި ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވުމާ ހަމައަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ގިނަ ކައުންސިލްތަކަކާ ބައްދަލުކުރައްވާފައެވެ. މިގޮތުން މިހާތަނަށް ޖުމްލަ 127 ބައްދަލުވުމެއް ލޯކަލް ކައުންސިލްތަކާ އެކު ބާއްވަވައި 69 ރަށަކަށް އެ މަނިކުފާނު ވަނީ ޒިޔާރަތްކުރައްވާފައި ވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރައީސް އޮފީހުން އިތުރަށް ބުނީ ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރެވި ހާލަތަށް އައިސްފައިވާ ބަދަލާ އެކު އިތުރު ރަށްރަށަށް ޒިޔާރަތްކުރައްވާ ތަރައްގީގެ މަޝްރޫއުތަކާ އަދި ރައްޔިތުންގެ ކަންބޮޑުވުންތައް އެ މަނިކުފާނު ގާތުން ބައްލަވަމުން ގެންދަވާނެ ކަމަށެވެ.
މި ދަތުރުފުޅުގައި ތިލަދުންމަތީ ދެކުނުބުރީގެ ޅުދުއްފުށި ސިޓީ، ހދ. ހަނިމާދޫ އަދި ހދ. ކުމުންދޫއަށް ވަޑައިގަންނަވާނެއެވެ.
ރައީސް ބޮޑުތިލަދުންމައްޗަށް ވަޑައިގަންނަވާ އިރު، ހަނިމާދޫ އެއާޕޯޓް ބޮޑުކުރަން އެރަށުން ބިމެއް ނަގާ މައްސަލަ އޮތީ ހޫނުވެފައެވެ.
ރާއްޖެ އާއި އިންޑިއާ އިން ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަނިމާދޫ އެއާޕޯޓު ތަރައްގީކުރާ ބިމުގެ ސަރަހައްދަށް 853،937 އަކަފޫޓު އިތުރުކުރަން ޕްލޭނިން މިނިސްޓްރީން މިދިޔަ މާޗު މަހު އެ ރަށު ކައުންސިލަށް ހުށަހަޅާފައި ވެއެވެ. ނަމަވެސް ބޮޑު ބިމެއް ދިނުމުގައި ރަށުގެ ޖަމިއްޔާތަކާއި އާއްމުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމުން ފަހުން ވަނީ 400،000 އަކަފޫޓަށް ބިމުގެ ސައިޒު ކުޑަކުރަން ހުށަހަޅާފައެވެ. ނަމަވެސް އަދި އެ ރަށު ކައުންސިލުން ލޭންޑުޔޫސް ޕްލޭން އެގޮތަށް ނިންމާފައެއް ނުވެއެވެ.
ހަނިމާދޫގެ ރައްޔިތުންނާއި އެ މީހުންގެ ދަރިފަސްކޮޅު، އަމިއްލަ ބިމުގައި ބިކަވެގެން ނުދާނެ ގޮތަށް ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރަން ގޮވާލައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެރަށު 800 މީހުންގެ ސޮއިއާއެކު މިމަހު ވަނީ ޕެޓިޝަނެއް ހުށައަޅާފައެވެ.
އެ މަޝްރޫއާ ގުޅޭ ކަންބޮޑުވުންތައް ހިއްސާކޮށް ހަނިމާދޫގެ ތިން ޖަމިއްޔާއަކުން މިދިޔަ މަހުގެ 8 ގައި ވެސް ރައީސަށް ސިޓީއެއް ފޮނުވާފައި ވެއެވެ. ނަމަވެސް އެ ސިޓީއަށް އަދި ޖަވާބެއް ލިބިފައެއް ނުވެއެވެ. އަދި އެއާޕޯޓު ތަރައްގީކުރަން ނިންމާފައިވާ ގޮތާ ދެކޮޅަށް އޮންލައިން ޕެޓިޝަނެއް ވެސް މީގެ ކުރިން ވަނީ ހަދާފައެވެ. އަދި މިހާރު ކްލަބްހައުސްގައިވެސް އެބަހުސް ކުރިއަށް ދެއެވެ.
ކޮވިޑް ޖެހޭ މީހުންގެ އަދަދު މަދުވަމުން އަންނާތީ ސަރުކާރުން ވަނީ ދަތުރުފަތުރު ކުރުމުގައި ގިނަ ލުއިތަކެއް ވެސް ދީފައެއްވެ. އެ ގޮތުން ވެކްސިން ފުރިހަމަކުރި މީހުންނަށް ދިން ލުއިގެ ދަށުން، އެ މީހުން ވެކްސިން ފުރިހަމަކުރިތާ 14 ދުވަސް ވެފައިވާ ނަމަ ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކު ދަތުރުކުރެވޭނެއެވެ.
އެންމެ ފަހުން ރާއްޖެތެރެއަށް ރައީސް ދަތުރުފުޅެއް ކުރައްވާފައިވަނީ ހައްދުން މައްޗަށެވެ. އެއީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.