ކުރީގެ ޑިފެންސް މިނިސްޓަރު އަދި މީހާރުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ޖުމްހޫރީ ޕާޓީ އިން ވަކިވެވަޑައިގެންފިއެވެ.

މިކަން ހާމަކުރައްވާ ދާދި ދެންމެއަކު ނާޒިމް ވަނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް އަށް ފޮނުއްވާފައި ވާ ސިޓީ ޓްވިޓާގައި ހިއްސާ ކުރައްވާފައެވެ. މި ސިޓީގައި ނާޒިމް ވިދާޅުވެފައި ވަނީ ޖޭޕީ އިން ވަކިވެވަޑައިގަންނަވަނީ އާ ސިޔާސީ ޕާޓީއެއް އުފައްދަވާ ދވެހި ގައުމަށާ ރައްޔިތުންނަށް މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ހިދުމަތް ކުރުމަށް ގަސްތުކުރައްވާތީ ކަމަށެވެ.

މީގެ 2 ދުވަސް ކުރިން ނާޒިމް ވަނީ އާ ސިޔާސީ ޕާޓީއެއް އުފައްދަވަން އުޅުއްވާކަން ހާމަކުރައްވާފައެވެ. އެގޮތުން މިހާރު އާ ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ފައްޓާވާފައިވާ ކަމަށާ އެ ޕާޓީއާ ގުޅޭ ވާހަކަތައް ވަރަށް އަވަހަށް ހިއްސާކުރައްވާނެ ކަމަށް ވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ނާޒިމް ވިދާޅުވީ މީޑިއާ އަށް މައުލޫމާތު ދިނުމަށްޓަކައި ވަރަށް އަވަހަށް ޕްރެސް ކޮންފަރެންސެއް ބާއްވާނެ ކަމަށެވެ.

އިއްޔެ "ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ނާޒިމް ވިދާޅުވީ، މިހާރު ސިޔާސީ ޕާޓީ އުފެއްދުމުގެ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެ ގޮތުން 3000 މެންބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށާ އާ ސިޔާސީ ޕާޓީގައި ނާޒިމްގެ އިތުރުން ރައްޔިތުންގެ މަޖިލީޙުގެ 4 މެންބަރުން ތިއްބަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ހަތަރު މެންބަރުންނެއް ކަން ނާޒިމް ހާމައެއް ނުކުރައްވައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ނާޒިމްއާއެކު ސިޔާސީ ޕާޓީ އުފައްދަވަނީ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެވެ. އަބްދުﷲ ރިޔާޒަކީ ނާޒިމްގެ ވަރަށް އަރިސް ބޭފުޅެކެވެ. ގާތް ރަހްމަތްރިކަމެއް އެ ދެބޭފުޅުންގެ ދެމެދުގައި އޮތް އިރު މީގެ ކުރިންވެސް ނާޒިމްއާއި އަބްދުﷲ ރިޔާޒް ގުޅިވަޑަިއގެން ސިޔާސީ ޕާޓީއެއް އުފައްދަވަން އުޅުއްވިއެވެ. ނަމަވެސް އޭރު އެ ވާހަކަތައް އަބްދުﷲ ރިޔާޒް ވަނީ ދޮގު ކުރައްވާފައެވެ. ނާޒިމް ހިމެނިވަޑައިގަންނަވާ ގޮތަށް މަޖިލީހުގެ 5 މެންބަރުންނާއެކު އެ ޕާޓީ އުފެއްޖި ނަމަ އެ ޕާޓީ ވެގެންދާނީ މަޖިލީހުގައި ތިންވަނަ އަށް އެންމެ މެންބަރުން ގިނަ ޕާޓީ އަށެވެ. މަޖިލީހުގައި 65 މެމްބަރުންނާއެކު އެމްޑީޕީ އަކީ ސުޕަ މެޖޯރިޓީ އޮތް ޕާޓީއެވެ. މިހާރު ދެވަނަ އަށް އެންމެ މެންބަރުން ގިނައީ އިދިކޮޅު ޕީޕީއެމެވެ. ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް ތަމްސީލުކުރާ މެމްބަރުންގެ އަދަދަކީ މިހާރު ހައެކެވެ. ޕީއެންސީގައި ތިއްބަވަނީ ތިން މެންބަރުންނެވެ. ސިޔާސީ ޕާޓިއެއް އުފައްދަވަން ނާޒިމާއި ރިޔާޒް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަތުމުން އެ ޕާޓީގެ މަޖިލިސް މެންބަރުންގެ އަދަދު ވެސް ތިނަކަށް ދަށްވާނެއެވެ. ނާޒިމް އިސްވެ ހުންނަވައިގެން އުފައްދާ އެ ޕާޓީ ވެގެންދާނީ ރާއްޖޭގެ 11 ވަނަ ސިޔާސީ ޕާޓީއަށެވެ.