އަންނަ އަޞްހާ އީދުގައި ގިނަ މީހުން އެއްވެގެން ހަރަކާތްތައް ނުބާއްވަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް-19 ފެތުރުމުގެ ހާލަތު ރަނގަޅުވަމުން ދިއުމާ ގުޅިގެން ލުއިތައް ދެވިފައިވާ މި ދަނޑިވަޅުގައި އާންމު ދިރިއުޅުމުގައާއި އެކި އެކި ހިމަތްތައް ހޯދުމާ ފޯރުކޮށްދިނުމުގައާ ދަތުރު ފަތުރުކުރުމުގައި ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.

ހާއްސަކޮށް ޗުއްޓީ ހޭދަކުރުމަށް ތަންތަނަށް ދަތުރުކުރުމުގައާ އީދުގެ ހަރަކާތްތައް ކުރިއަށްގެންދިއުމުގާ ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

ރައްކާތެރިކަމަށްޓަކާ އަޅަންވީ ފިޔަވަޅުތައް:

  • ވައިގެ މަގުންނާއި ކަނޑު މަގުން ދަތުރުކުރާއިރު، ރަނގަޅަށް މާސްކް އަޅާ، ތިމާއާއި އެއްކޮށް ދިރިއުޅޭ މީހުން (އެއް ބަބުލްގެމީހުން) ފިޔަވާ އެހެން މީހުންނާ މަދުވެގެން 3 ފޫޓުގެ ގައިދުރުމިން ބެހެއްޓުން.
  • މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް އާއްމު ތަންތަނުގައި އުޅޭއިރު އަދި އެކި ހިދުމަތްތައް ހޯދަން ދިއުމުގައި ނޭފަތާއި އަނގަ ރަނގަޅަށް ފޮރުވޭގޮތަށް މާސްކް އެޅުން.
  • ގިނަ މީހުން އެއްވެގެން ބާއްވާ ހަރަކާތްތައް ނުބޭއްވުން.
  • އީދު ފާހަގަކުރުމަށްވެސް ގިނަ މީހުން އެއްވެ ނޫޅެވޭ ފަދަ ހަރަކާތްތައް އިހްތިޔާރުކުރުން އަދި އެއް ރަށުން އަނެއް ރަށަށް މީހުން އައިސްގެން ބާއްވާ ހަރަކާތްތައް ނުބޭއްވުން.
  • ކުޅިވަރު މުބާރާތްތައް ނުބޭއްވުން.
  • ކެފޭ ރެސްޓޯރަންޓް ތަކާ، ފިހާރަތަކާ، ޕާކްތަކާ، މައިޒާން ފަދަ ތަންތަން ބޭނުންކުރާއިރު ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުން.
  • ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިންގެ ލަފާ ހޯދުމާއި ފްލޫ ކްލިނިކަށް ދައްކާ ޓެސްޓުކުރުން. އަދި ޓެސްޓުކުރުމަށް ސާމްޕަލް ނެގުމަށްފަހު ނަތީޖާ ލިބެންދެން ގޭގައި މަޑުކުރުން.
  • ކަރަންޓީނުގައި ތިބެންޖެހޭ ފަރާތްތަކުން ކަރަންޓީނު އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުން.

އެޗްޕީއޭއިން ވަނީ ކޮވިޑް-19 ފެތުރުމުގެ ހާލަތު ރަނގަޅުވެފައިވާ މި ދަނޑިވަޅުގައި ބަލީގެ އިތުރު ރާޅެއް އައުމުން ދުރުހެލިވުމަށްޓަކާ އެންމެން އެކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލު ކުރުމަށް އިލްތިމާސްކޮށްފައެވެ.