ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިރިއުޅުއްވާ މުލިއާގެ ކައިރިއަށް ގޮސް، އެ ތަން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިން މީހާގެ ބަންދަށް ހަތް ދުވަސް ކޯޓުން ޖަހައިފިއެވެ. އެމީހާގެ ބަންދު މުއްދަތު ޖަހާފައި ވަނީ އިއްޔެއެވެ.

މިދިޔަ ހުކުރު ދުވަހު މުލިއާގެ ކައިރިއަށް ދެމީހަކު ފޮށިގަނޑަކާއި ދަބަހަކާއި ރަތް ކޮތަޅެއް ހިފައިގެން ގޮސް އެތަން ގޮއްވާލާނެކަމަށް ބުނެ އިންޒާރުދީ އަޑުގަދަކުރަން ފެށުމުން، މުލިއާގެ ސެކިއުރިޓީން ވަނީ އެދެމީހުން ހިފަހައްޓާފައެވެ. ނަމަވެސް އެތަނުން އެކަކު ވަނީ ހަމަ އެރޭ ދޫކޮށްލާފައެވެ. ބަންދުގައި ހުރީ މުލިއާގެ ގޮއްވާލާނެ ކަމަށް އިންޒާރު ދިން މީހާއެވެ.

މެއި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާ ގުޅިގެން ސަލާމަތީ ހިދުމަތްތަކުގެ އެލާޓް ލެވެލް ވަނީ މަތިކޮށްފައެވެ. އަދި ޓެރަރިޒަމަށް ހިތްވަރުދޭގޮތަށް ވާހަކަދައްކާ މީހުން ދަނީ ހައްޔަރުކުރަމުންނެވެ.

މުލިއާގެ ސަރަހައްދުގާ ސެކިއުރިޓީވެސް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.