ޏ. ފުވައްމުލަކު އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 50 ޕަސެންޓް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ މި މަޝްރޫއުގެ ދަށުން، ސެޓްލެމެންޓް ޓޭންކު ހަރުކުރުމުގެ މަސައްކަތުގެ 71 ޕަސަންޓާއި އިލެކްޓްރިކަލް ޖަންކްޝަން ފޮށި ހަރުކުރުމުގެ މަސައްކަތުގެ 70 ޕަސަންޓް ވަނީ ނިމިފައި ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 122،659 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތާއި، 95،239 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި، 27،450 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމާއި، 19،940 މީޓަރުގެ ސަރަހައްދެއްގައި ފެންހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހިމެނެއެވެ. މި މަޝްރޫއަކީ 271.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.