ދިރިއުޅުއްވަމުން ގެންދެވި ގެކޮޅުގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށް ދިން ހަމަލާތަކެއްގައި އަވަހާރަކޮށްލާފައިވާ ހައިޓީގެ ރައީސް ހޮވެނިއެލް މޮއީސްގެ ހުވަފަތް އަނބިކަލުން، އަދި ހައިޓީގެ ހުވަފަތް ވެފައިވާ ފަސްޓް ލޭޑީ މާރްތީން މޮއީސް، އެ ނާމާން ރެއަށް ފަހު ފުރަތަމަ ފަހަރަށް މީޑިއާއާ ވާހަކަދައްކަވައިފިއެވެ.

ޖުލައި 7، 2021 ވަނަ ދުވަހުގެ ބިރުވެރި ހަމަލާގެ ވަގުތު، ފުރަތަމަ ފަހަރަށް މީޑިއާއަށް ސިފަކޮށްދެއްވަމުން މާރްތީން މޮއީސް ވިދާޅުވީ، ހަމަލާތައް އައިލެއް އަވަސް ކަމުން، ފިރިކަލުންނަށް އެންމެ ބަސްފުޅެއްވެސް ވިދާޅު ނުވެވުނު ކަމަށެވެ.

ހަމަލާ ދިނުމަށް ފުރިހަމައަށް ތަމްރީނު ވެފައި ވާ ބިދޭސީންގެ 28 މެންބަރުންގެ ގުރޫޕަކުން ރައީސް މޮއީސް އަވަހާރަކޮށްލި ހާދިސާގައި، ފަސްޓް ލޭޑީވެސް ވަނީ ޒަހަމްވެވަޑައިގެންފައެވެ. އެކަމަނާއަށް ފަރުވާ ދެމުން ދަނީ މައޭމީގެ ހޮސްޕިޓަލެއްގައެވެ.

ހޮނިހިރު ދުވަހު ޓްވީޓާއަށް ދޫކޮށްލެއްވި އޯޑިއޯ މެސެޖެއްގައި މާރްތީން މޮއީސް ވަނީ، އޭނާގެ ފިރިކަލުން ގެ މަސައްކަތްޕުޅު ހުއްޓުމެއް ނެތި ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.

ހަމަލާ ސިފަކުރައްވަމުން މި އޯޑިއޯ ކުލިޕުގައި މާރްތީން މޮއީސް ވިދާޅުވީ، މި ފަދަ ހަމަލާއަކަށް ދޭނެ ނަމެއް ނެތް ކަމަށެވެ. މި ފަދަ ހަމަލާއެއް ދީ، ހޮވެނިއަލް މޮއީސް ފަދަ ރައީސަކު އަވަހާރަކޮށްލެވޭނީ، ހައްދެއް ނެތް މިންވަރުގެ ޖިނާއީ ކުށްވެރިންނަށް ކަމަށްވެސް މާރްތީން މޮއީސް ވަނީ ވިދާޅުވެފައެވެ.

މާރްތީން މޮއީސް ސިފަކުރައްވާ ގޮތުގައި މި ހަމަލާއަކީ ސިޔާސީ މަގުސަދެއް އެކަމުގައި އެކުލެވޭ ހަމަލާއެކެވެ. ވަކިން ހާއްސަކޮށް، ގާނޫނު އަސާސީއަށް އިސްލާހު ގެނައުމާ ގުޅިފައިވާ ފެންނަ ނުފެންނަ ވޯޓާ ގުޅުމެއް ވާކަމަށް އޭނާ ވަނީ އިޝާރާތް ކުރައްވާފައެވެ. މި އިސްލާހަކީ، ރައީސްއަށް އިތުރު ބާރު ކަށަވަރު ކޮށްދޭނެ އިސްލާހަކަށް ވާނެއެވެ.

ވަކި ބައެއްގެ ނަން ހާމަ ނުކުރައްވާ މާރްތީން މޮއީސް އިތުރަށް ވިދާޅުވީ، އެ ބަޔަކު ބޭނުންވީ، ރައީސްގެ ހުވަފެންފުޅު "ގަތުލު" ކުރަން ކަމަށެވެ.

ދުނިޔެ ސިއްސުވާލި ހާދިސާއާ ގުޅިގެން މިހާތަނަށް ބަޔަކު ހައްޔަރު ކޮށްފައި ވާއިރު، އޭގެ ތެރޭގައި ގިނައީ ކޮލަމްބިއާއަށް ނިސްބަތްވާ މީހުންނެވެ. މިކަމުގައި އެމެރިކާގެ 2 މީހަކު ބައިވެރިކަމަށް ހައިޓީއިން ބުނެއެވެ. ކޮލަމްބިއާއިން ވަނީ، ތަހުގީގުތަކުގައި ހައިޓީއަށް އެއްބާރުލުން ދޭނެ ކަން ހާމަކޮށްފައެވެ. ނަމަވެސް މި ހަމަލާ ދިނުމުގައި އެމެރިކާގެ ރައްޔިތުން ބައިވެރިވިކަން ނުވަތަ ނޫންކަން ކަށަވަރުކޮށް ދެވެން ނެތް ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.