ކުރީގެ ޑިފެންސް މިނިސްޓަރު އަދި މީހަރުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އިސްވެ ހުންނަވައިގެން ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައިފައިވާ ކަމަށާއި އެ ޕާޓީއާ ގުޅޭ ވާހަކަތައް ވަރަށް އަވަހަށް ހިއްސާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ނާޒިމް ވިދާޅުވީ، މިހާރު ސިޔާސީ ޕާޓީ އުފެއްދުމުގެ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެ ގޮތުން 3000 މެންބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އެ ސިޔާސީ ޕާޓީއާ ނާޒިމްގެ އިތުރުން ހަތަރު މަޖިލިސް މެންބަރުން ގުޅިވަޑައިގަންނަވާނެ ކަމުގެ މައުލޫމާތު ވެސް ނާޒިމް ހިއްސާ ކުރެއްވިއެވެ. ނަމަވެސް އެއީ ކޮން ހަތަރު މެންބަރުންނެއް ކަން ނާޒިމް ހާމައެއް ނުކުރައްވައެވެ. އެ ޕާޓީއާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ވަރަށް އަވަހަށް ހިއްސާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ހަތަރު މެންބަރުންގެ ނަން ނާޒިމް ހާމަނުކުރެއްވި ނަމަވެސް މިހާރު ބައެއް މީޑިއާތަކުގައި ބުނެފައި ވަނީ ނާޒިމް އުފައްދަވާ ސިޔާސީ ޕާޓީއާ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ގުޅިވަޑައިގަންނާނެ ކަމަށެވެ. އަބްދުﷲ ރިޔާޒަކީ ނާޒިމްގެ ވަރަށް އަރިސް ބޭފުޅެކެވެ. ގާތް ރަހްމަތްެރިކަމެއް އެ ދެބޭފުޅުންގެ ދެމެދުގައި އޮތް އިރު މީގެ ކުރިންވެސް ނާޒިމްއާއި އަބްދުﷲ ރިޔާޒް ގުޅިވަޑަިއގެން ސިޔާސީ ޕާޓީއެއް އުފައްދަވަން އުޅޭ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. ނަމަވެސް އޭރު އެ ވާހަކަތައް އަބްދުﷲ ރިޔާޒް ވަނީ ދޮގު ކުރައްވާފައެވެ.

މަޖިލީހުގެ އިދާރާގެ ވެބްސައިޓުގައިވާ ގޮތުން ސިޔާސީ ޕާޓީއަކާ ނުގުޅި މިހާރު ތިއްބެވީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމާއި ނޮޅިވަރަމް ދާއިރާގެ މުހައްމަދު ނަޝީދު އަބްދުﷲ އާއި ތުލުސްދޫ ދާއިރާގެ އިބްރާހިމް ނަސީމާއި ނިލަންދޫ ދާއިރާގެ އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އަދި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިނެވެ.

ނަޡިމް ހިމެނިވަޑައިގަންނަވާ ގޮތަށް މަޖިލީހުގެ 5 މެންބަރުންނާއެކު އެ ޕާތީ އުފެއްޖި ނަމަ އެ ޕާޓީ ވެގެންދާނީ މަޖިލީހުގައި ތިންވަނަ އަށް އެންމެ މެންބަރުން ގިނަ ޕާޓީ އަށެވެ. މަޖިލީހުގައި 65 މެމްބަރުންނާއެކު އެމްޑީޕީ އަކީ ސުޕަ މެޖޯރިޓީ އޮތް ޕާޓީއެވެ. މިހާރު ދެވަނަ އަށް އެންމެ މެމްބަރުން ގިނައީ އިދިކޮޅު ޕީޕީއެމެވެ. ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް ތަމްސީލުކުރާ މެމްބަރުންގެ އަދަދަކީ މިހާރު ހައެކެވެ. ޕީއެންސީގައި ތިއްބަވަނީ ތިން މެންބަރުންނެވެ. ސިޔާސީ ޕާޓިއެއް އުފައްދަވަން ނާޒިމާއި ރިޔާޒް ޖުމްހޫރީ ޕާޓީން ވަކިވުމުން އެ ޕާޓީގެ މަޖިލިސް މެންބަރުންގެ އަދަދު ވެސް ތިނަކަށް ދަށްވާނެއެވެ.

ނާޒިމް އިސްވެ ހުންނަވައިގެން އުފައްދާ މި ޕާޓީ ވެގެންދާނީ ރާއްޖޭގެ 11 ވަނަ ސިޔާސީ ޕާޓީއަށެވެ.