އައްޑޫ ސިޓީގައި ކެފޭ، ރެސްޓޯރަންޓްތަކުގައި ތިބެގެން ކެއިން ބުއިމުގެ ހިދުމަތް ދެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

އެ ލުއި ދިންކަން އިއުލާނުކޮށްފައިވަނީ ރޭ އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެގޮތުން އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބާހަކަ ދައްކަވަމުން އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ވިދާޅުވީ މިއަދުން ފެށިގެން ހެނދުނު 08:00 އިން އިރުއޮއްސި 06:00 ޖެހުމާ ހަމައަށް ހޮޓާތަކާ، ރެސްޓޯރެންޓްތައް އަދި ކާބޯތަކެތި ވިއްކާ ތަންތަނުގެ ތެރޭގައި ތިބިގެން ހިދުމަތް ހޯދޭނެ ކަމަށެވެ.

އަދި ރޭގަނޑު 10 ޖެހުމާ ހަމައަށް އެ ތަންތަނުން ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށް ވެސް ޝުއާއު ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން މިއަދުން ފެށިގެން ސެލޫންތަކާއި، ޖިމްތަކާއި ބޯކޮށާ ތަންތަނުން ވެސް ހެނދުނު 08:00 އިން އިރުއޮއްސި 06:00 ޖެހުމާ ހަމައަށް ހިދުމަތް ދެވޭނެ ކަމަށް ޝުއާއު ވަނީ ވިދާޅުވެފައެވެ. އަދި ހަވީރު 03:00 އިން އިރުއޮއްސި 06:00 ޖެހުމާ ހަމައަށް ކުޅިވަރު ކުޅޭ މައިދާންތައް ވެސް ހުޅުވުމަށް ހުއްދަ ދީފައިވާ ކަމަށް ޝުއާއު ވަނީ ވިދާޅުވެފައެވެ.

ހަމައެހެންމެ ރޭ ފަތިސް ނަމާދުން ފެށިގެން ހިތަދޫގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ވެސް ވަނީ ދީފައެވެ.