ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދެމުންދާ އިންޒާރުތަކާ ގުޅިގެން "ތްރެޓް" ލެވެލް މަތި ކުރިކަން އެމަނިކުފާނުގެ ކްލޯސް ޕްރޮޓެކްޝަން ޓީމަށް އަންގާފައި ނުވާކަން ހާމަވެއްޖެއެވެ.
މިކަން ހާމަކޮށްފައި ވަނީ މަޖިލީހުގެ 241 ކޮމިޓީން ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށް ކުރިއަށް ގެންދިޔަ އިންކުއަރީގެ ފައިނަލް ރިޕޯޓުގައެވެ. މިއަދު އާންމު ކުރި އެ ރިޕޯޓުގައި ބުނެފައި ވަނީ ޑިފެންސް އިންޓެލިޖަންސް ސާވިސް (ޑީއައިއެސް) އިން ތައްޔާރުކޮށްފައިވާ "ތްރެޓް އެސެސްމަންޓް" ރިޕޯޓާ އެކު ރެކޮމެންޑޭޝަންތަކެއް ދީފައިވާ ކަމަށެވެ. ނަމަވެސް އެ ރެކޮމެންޑޭޝަންތަކުގެ މައުލޫމާތު ކްލޯސް ޕްރޮޓެކްޝަން ޓީމަށް ލިބިފައި ނުވާ ކަމަށެވެ.
ނަޝީދުގެ ކްލޯސް ޕްރޮޓެކްޝަން ޓީމަށް ސެކިއުރިޓީއާ ގުޅޭގޮތުން ލިބޭ މައުލޫމާތު ހިއްސާ ކުރަނީ އެސްޕީޖީގެ ކޮމާންޑަރުންނެވެ. އެސްޕީޖީ ކޮމާންޑަރު ގަވާއިދުން ރައީސް ނަޝީދުގެ ޕީއެސްއޯއިންނަށް މައުލޫމާތު ދޭ ކަމަށާއި އެސްޕީޖީގެ ލީޑާޝިޕްގެ ފަރާތުންނާއި ޕީއެސްއޯއިން އިންކުއަރީއަށް ދިން މައުލޫމާތުން ފާހަގަކުރެވިފައިވާ ކަަމަށް އެ ރިޕޯޓުގައި ވެއެވެ.
ރައީސް ނަޝީދަށް އަބަދުވެސް ވަރަށް ތްރެޓް އޮންނަ ކަމަށާއި އެމަނިކުފާނަށް ރައްކާތެރިކަން ދިނުމަށް އަބަދުވެސް ސަމާލުވުމަށް އެސް.ޕީ.ޖީ ގެ ކޮމާންޑަރުން ޕީއެސްއޯއިންނަށް ކިޔައިދެއްވާ ކަމަށް ރިޕޯޓުގައި ބުނެއެވެ. ނަމަވެސް، އެ މައުލޫމާތުގެ ތެރޭގައި ލިބޭ ތްރެޓްގެ ތަފްސީލް ހާމައެއް ނުކުރެއެވެ. އެގޮތުން މިދިޔަ މާޗް މަހުގެ 3 ވަނަ ދުވަހު އެމަނިކުފާނުގެ ޓްރެޓް ލެވެލް "ސިވިއާ" އިން "ކްރިޓިކަލް" އަށް މަތިކޮށްފައިވާ ކަން ވަނީ އެޗްޕީޖީއަށް އަންގާފައެވެ. ނަމަވެސް އެކަން އެމަނިކުފާނުގެ ކްލޯސް ޕްރޮޓެކްޝަން ޓީމަށް ހާމަނުކުރާ ކަމަށް އެ ރިޕޯޓުގައި ބުނެފައި ވެއެވެ. މީގެ އިތުރުން ނީލޯފަރު ހިނގުމުން ސައިކަލުތައް ހުސް ކުރަން އުޅުނު ސަބަބު ވެސް ކްލޯސް ޕްރޮޓެކްޝަން ޓީމަށް އެނގިފައިނުވާ ކަމަށް އެ ރިޕޯޓުގައި ވެއެވެ.
އެގޮތުން، ކްލޯސް ޕްރޮޓެކްޝަން ޓީމަށް ގަބޫލުކުރެވިފައި އޮތީ ނީލޯފަރު ހިނގުން ހުސްކުރުމަށް އެމްއެންޑީއެފުން މަސައްކަތް ކުރި ސަބަބަކީ އެމަނިކުފާނުގެ ކާރުކޮޅު މަގަށް ނުވެއްދުމުގެ އިތުރުން، އެ ޓީމަށް އެމަގުގައި ސައިކަލުތައް ހުރުމުން، ރައީސް ނަޝީދު އެސްކޯޓު ކުރާއިރު ގެންގުޅެންޖެހޭ ފޯމޭޝަންތައް އެ ގޯޅީގައި ނުގެންގުޅެވޭތީ ކަމަށެވެ. ނަމަވެސް އެމްއެންޑީއެފްގެ ލީޑަޝިޕުން ބުނެފައި ވަނީ އެ ގޯޅި ހުސްކުރަން ނިންމި ސަބަބަކީ ސައިކަލެއްގައި އެއްޗެއް ހަރުކޮށްގެން ގޮއްވާލުމުގެ އިހްތިމާލު އޮތުމުން ކަމަށެވެ.
ސެކިއުރިޓީ ފޯރުކޮށްދެވޭ ފަރާތަކާ ގުޅުން ހުރި މިފަދަ މުހިންމު މައުލޫމާތު ނޭނގުމުން ކޮންމެ ވަގުތެއްގައި ވެސް ހަމަލާއެއް ދީފާނެ ކަމުގެ އިހުތިމާލް އޮތް މިންވަރު ސެކިއުރިޓީ ޓީމަށް ވަޒަން ކުރެވިފައި ނުވާކަން އެ ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމާށް ރިޕޯޓުގައި ވެއެވެ. އަދި ހަމަލާއެއް ދިނުމުގެ ޤާބިލިއްޔަތު ހުރެ ބަޔަކު ހަރަކާތްތެރިވާ ކަން ޓީމަށް ކިޔައި ނުދީ އޮތުމަކީ ރައީސް ނަޝީދަށް ރައްކާތެރިކަން ފޯރުކޮށް ނުދެވުނު އެއް ސަބަބުކަމށް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.