ދިރިއުޅުއްވަމުން ގެންދަވާ ގެކޮޅުގައި ހުންނަވަނިކޮށް، އިއްޔެގެ ވަގުތެއްގައި ހަމަލާ ދީ، ހައިޓީގެ ރައީސް ހޮވެނިއެލް މޮއީސް އަވަހާރަކޮށްލުމުގެ ކުށުގެ ތުހުމަތު އަމާޒުވާ 4 މީހަކު މަރާލާ، އިތުރު 2 މީހަކު ހައްޔަރު ކޮށްފައި ވާ ކަމަށް، އެ ގައުމުގެ ފުލުހުން ހާމަކޮށްފިއެވެ.

ރައީސް އަވަހާރަކޮށްލި ހަމަލާ ދިން ކަމުގެ ކުށުގެ ތުހުމަތު އަމާޒުވާ 4 މީހަކު މަރާލާފައި ވަނީ، ފުލުހުންނާއި އެމީހުންނާ ދެމެދު ހިންގި ކުރިމަތިލުންތަކެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

ހައިޓީ ފުލުހުންގެ އިސްވެރިޔާ ލިއޯން ޗާލްސް ވިދާޅުވީ، ކުރިމަތިލުންތަކުގައި ރަހީނު ކުރި 3 ފުލުސް އޮފިސަރުންވެސް މިހާރު މިނިވަން ކޮށްފައި ވާ ކަމަށެވެ.

ހައިޓީގެ ރައީސް އަވާހަރަކޮށްލުމުގެ ލާއިންސާނީ ޖަރީމާ ހިންގި ކަމުގެ ކުށުގެ ތުހުމަތު އަމާޒުވާ އެއްވެސް މީހެއްގެ ނަން އަދި ހާމަކޮށްފައި ނުވާއިރު، އެމީހުންނާއި ހާދިސާއާ ގުޅެނީ ކިހިނެއްކަން ބަޔާން ކުރާ އެއްވެސް ހެއްކެއްވެސް އަދި އާންމު ކޮށްފައެއް ނުވެއެވެ.

ރައީސް އަވަހާރަކޮށްލުމާ ހިސާބަށް ހަލަބޮލިވެފައި އޮތް ހައިޓީގެ މަގުތައް މިހާރު ވަނީ މުޅިންހެން ފަޅުވެފައެވެ. އާންމުން ގެތަކުގައި މަޑުކޮށްގެން ތިބީ، ރައީސް އަވަހާރަކޮށްލަން ޖެހުނު ސަބަބެއް ހާމަވާނެ އިރެއްގެ އިންތިޒާރުގައި ކަމަށް، ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ހައިޓީގެ ވެރިކަން ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ބޮޑުވަޒީރު ކްލޯޑް ޔޯސެފް ވަނީ، މި ހަމަލާގެ ފަހަތުގައިވާ ބަޔަކު ކޮންމެވެސް ވަރަކަށް އެނގިވަޑައިގަންނަވާ ކަމަށް އިޝާރާތް ކުރައްވާފައެވެ.

ކްލޯޑް ޔޯސެފް ވަނީ، މިވަގުތު ގައުމުގެ ވެރިއަކަށް ހުންނެވީ އޭނާ ކަމުގައި ވީ ނަމަވެސް، އޭނާއަށް އޮތް ބާރުތަކާ، އެކަން ދެމި އޮންނާނީ ކިހާ ދުވަހެއް ވަންދެން ކަން ނޭނގޭ ކަމަށް ވިދާޅުވެފައެވެ.

ހައިޓީގެ ފަސްޓް ލޭޑީ މާރްތީން މޮއީސްވެސް ޒަހަމްވެފައި ވާ ކަމަށް ހަބަރު ލިބެއެވެ.

މި ހަމަލާ ދީފައި ވަނީ، ފުރިހަމައަށް އަދި ވަރަށް ވަރުގަދައަށް ތަމްރީނުވެފައި "ޕްރޮފެޝަނަލުން" ތަކެއް ކަމަށް، ހައިޓީއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ބޯޝިތު އެޑްމަންޑް ވަނީ ވިދާޅުވެފައެވެ.

އުމުރުފުޅުން 53 އަހަރު އަވަހާރަކޮށްލެވުނު ހޮވެނިއެލް މޮއީސް، ހައިޓީގެ ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގަތީ 2017 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ.

ހޮވެނިއެލް މޮއީސްގެ ވެރިކަމަކީ ހައިޓީ ދުށް ހަލަބޮލި ދުވަސްތަކެކެވެ. ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އޭނަގެ ސަރުކާރަށް އަމާޒުވެފައި ވާ އިރު، ސަރުކާރާ ދެކޮޅު މުޒާހަރާތަކަކީ އާންމު މުޒާހަރާތަކަކަށް ވަނީ ވެފައެވެ.

ހޮވެނިއެލް މޮއީސްގެ އިސްތިއުފާއަށް ބަޔަކު ވަނީ ގޮވާފައެވެ. ހޮވެނިއެލް މޮއީސްގެ 5 އަހަރު ދުވަހުގެ ވެރިކަމުގެ ދައުރު، ފެބުރުއަރީ 7، 2021 ގައި ހަމަ ވީ ނަމަވެސް، ވެރިކަމުން ފައިބާވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. ވެރިކަމާ ހަވާލުވެވަޑައިގަތީ 1 އަހަރު ފަހުން، ފެބުރުއަރީ 7، 2017 ގައި ކަމަށް ވުމާއެކު، 5 އަހަރު ހަމަވާނެ ކަމަށް ހޮވެނިއެލް މޮއީސް ވިދާޅުވަނީ އަންނަ އަހަރުގެ ފެބުރުއަރީ 7 ވަނަ ދުވަހަށެވެ.