މެލޭޝިއާގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ބޮޑު ޕާޓީގެ ގޮތުގައި ސިފަކުރަމުން އަންނަ ޔުނައިޓަޑް މެލޭޒް ނޭޝަނަލް އޯގަނައިޒޭޝަން (އުމްނޯ) އިން، އެ ގައުމުގެ ބޮޑުވަޒީރު، މުހްޔިއްދީން ޔަސީންއަށް ދެމުން ދިޔަ ތާއީދު، ހުއްޓާލުމަށް ނިންމާފައި ވާ ކަން އިއުލާން ކޮށްފިއެވެ.

ކޮރޯނާވައިރަހުގެ ނުރައްކާ، މެލޭޝިއާއަށް އަނެއްކާވެސް އިންތިހާއަށް ބޮޑުވި ނަމަވެސް، ސިޔަސީ ހަމަނުޖެހުންތަކުގެ ސަބަބުން ބަލިމަޑުކަމަށް އެކަށީގެންވާ ގޮތެއްގައި އަޅާ ނުލެވި ވާ ކަން ފާހަގަކޮށް، އުމްނޯއިން ވަނީ، މުހްޔިއްދީންގެ އިސްތިއުފާއަށްވެސް ގޮވާލާފައެވެ.

މިދިޔަ އަހަރުގެ ފެބުރުއަރީ މަހު މެލޭޝިއާގެ ސިޔާސީ މަސްރަހަށް ކުރިމަތިވި ހަލަބޮލި އޮއެވަރަށް ފަހު އެ ގައުމަށް އަދިވެސް ފުރިހަމަ ހަމަޖެހުމެއް އައިސްފައެއް ނުވެއެވެ. ބޮޑުވަޒީރުގެ ގޮތުގައި މުހްޔިއްދީން ހަމަޖެހިގެން ދިޔައީ، އޭނާއަށް އެކަށީގެންވާ ތާއީދު، މަޖިލީހުގައި އޮތް ކަން، މެލޭޝިއާގެ ރަސްގެފާނަށް ސާބިތުކޮށްދެއްވުމާއެކުގައެވެ. ނަމަވެސް، އޭގެ ފަހުން، މުހްޔިއްދީންއަށް އަންނަނީ ބޮޑު ޕްރެޝަރަކާ ކުރިމަތިވަމުންނެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި މެލޭޝިއާގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީން ބާޒާރު ކުރައްވަނީ / ފައިލް ފޮޓޯ: ސްޓްރެއިޓް ޓައިމްސް

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކާ އަނެއްކާވެސް މެލޭޝިއާއަށް އިންތިހާއަށް ބޮޑުވެ، އެ ގައުމުގެ ގިނަ ސަރަހައްދުތަކެއްގައި އަދިވެސް ވަނީ ލޮކްޑައުންގެ ހަރުކަށި އަމުރު އިއުލާން ކޮށްފައެވެ. ލޮކްޑައުން ކޮށްފައި ވާ ސަރަހައްދުތަކުގެ ތެރޭގައި، ވެރިރަށް ކުއާލަލަމްޕޫރުގެ އިތުރުން، އެންމެ މުއްސަނދި ސްޓޭޓް ކަމަށް ވާ ސެލަންގޯވެސް ހިމެނެއެވެ.

އުމްނޯގެ ރައީސް، ޒާހިދު ހަމީދީ ވިދާޅުވީ މުހްޔިއްދީންނަށް ދެމުން ދިޔަ ތާއީދު އަނބުރާ ގެނައުމަށް ނިންމީ، ކޮވިޑް-19ގެ ބަލިމަޑުކަމަށް ރިއާޔަތް ކުރެއްވުމަށް، މުހްޔިއްދީން ފެއިލްވެވަޑައިގަތުމުގެ ސަބަބުން ކަމަށެވެ.

އުމްނޯގެ މި ނިންމުން އިއުލާން ކުރުމުގެ ކުޑަ ވަގުތު ކޮޅެއް ކުރިން، މުހްޔިއްދީން ވަނީ އުމްނޯގެ 2 ލީޑަރަކަށް އިސް މަގާމުތަކެއްވެސް ހަވާލު ކުރައްވާފައެވެ. އުމްނޯއަކީ، އެތައް އަހަރެއް ވަންދެން މެލޭޝިއަގައި އޮތް ވެރިކަން ބަދަލުކޮށްލި ކޯލިޝަން ސަރުކާރުގެ މުހިންމު ބައިވެރިއެކެވެ. އަދި އެންމެ ބޮޑު ޕާޓީވެސްމެއެވެ.

ކޮވިޑް-19ގެ ސަބަބުން މެލޭޝިއާގައި ހާލުގައި ޖެހިފައިވާ މީހަކު، ހުދުު ދިދަ ވިހުރަނީ / ފޮޓޯ: ސްޓްރެއިޓް ޓައިމްސް

ސިޔަސީ މުރާސިލުން ބުރަވާ ގޮތުގައި، އުމްނޯގެ ތާއީދު ގެއްލުނު ކަމުގައި ވީ ނަމަވެސް، މުހްޔިއްދީންގެ ސަރުކާރު ވެއްޓޭކަށް ނެތެވެ. އެހެނީ، އެ ސަރުކާރުގެ ބަދަލުގައި އަންނާނެ އެހެން ސަރުކާރެއް އެކުލަވާލެވޭ ވަރުގަދަ ކޯލިޝަނެއް އަލުން އެކުލަވާލެވިދާނެ ކަމާ މެދު ސުވާލު އުފެދިފައި އޮތުން ކަމަށް ބުނެވެއެވެ.

އުމްނޯއިން މީގެ ކުރިން ވަނީ، އިދިކޮޅު ލީޑަރު، އަންވަރު އިބްރާހީމަށްވެސް އެއްބާރުލުން ނުދޭނެ ކަން ހާމަކޮށްފައެވެ.

މެލޭޝިއާގައި މިވަގުތު ގާނޫނު ހަދާ މަޖިލީހެއް ނެތެވެ. ޖެނުއަރީ މަހު، މުހްޔިއްދީން އިއުލާން ކުރެއްވީ ކުއްލި ނުރައްކަލުގެ ހާލާއެކު، މަޖިލިސް ވަނީ ސަސްޕެންޑްވެފައެވެ. ކޮވިޑް-19އާ ގުޅިގެން ކަމަށް ވިދާޅުވެ، ކުއްލި ނުރައްކާ އިއުލާން ކުރެއްވުމަށްފަހު، މެލޭޝިއާ ސަރުކާރު މިހާރު ހިންގަމުން ދަނީ ވެރިކަން ހިންގުމުގެ ބާރުން ނެތޭ އަމުރުތަކުގެ މައްޗަށް ބިނާކޮށެވެ.

މަޖިލީހުގެ ޖަލްސާތައް އަލުން ފެށުމަށްވެސް މެލޭޝިއަގައި ދަނީ ގޮވާލަމުންނެވެ. އެގޮތުން، ޖުލައި 26 ވަނަ ދުވަހުން ފަށައިގެން ކުޑަ ދުވަސްކޮޅަކަށް، މަޖިލީހުގެ ބައްދަލުވުންތަކެއް ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައި ވާ ކަމަށް ހަބަރު ލިބެއެވެ.