18 އަހަރުން ދަށުގެ ކުރިން ވެކްސިން ނުޖެހިޔަސް ދަތުރުކުރެވޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިރޭ މަބްރޫކް ވިދާޅުވީ 18 އަހަރުން ދަށުގެ، ވެކްސިން ނުޖެހޭ ކުދިންނަށްވެސް ނެގެޓިވް ޕީސީއާރް ޓެސްޓަކާ އެކު މޮނިޓަރިން ގެ ހާލަތުގައި ނެތް ރަށަކަށް ދަތުރު ކުރެވޭނެ ކަމަށެވެ. އަދި ވެކްސިންގެ ޑޯޒޭޖް ފުރިހަމަކޮށް 14 ދުވަސް ވެފައިވާ ފަރާތްތަކަށް ނެގެޓިވް ޕީސީއާރް ޓެސްޓަކާ އެކު ދަތުރު ކުރެވޭނެ ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުޑަކުދިންނާއި ކޮވިޑް 19 ގެ ވެކްސިން ނުޖަހާ މީހުން އަދިވެސް ކަރަންޓީން ވާން ޖެހޭނެ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް އޮތީ ވިދާޅުވެފައެވެ.

ކޮންމެ އުމުރު ފުރައެއްގެ މީހަކު ކަމުގައި ވިޔަސް ވެކްސިން ނުޖަހާ ކަމަށް ވަންޏާ އެއިން ލިބޭ ރައްކާތެރިކަމުގެ އަސަރު ފުރިހަމަ އަށް ނުކުރާނެ ކަމަށް ވެސް ޑރ.ނަޒްލާ ވަނީ ވިދާޅުވެފައެވެ.

އިތުރަށް ޑރ. ނަޒްލާ ވިދާޅުވީ ކުޑަކުއްޖަކަށް ބަލިޖެހިފައި ވާނަމަ އެ ކުއްޖެއްގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު ބޮޑުކަމަށެވެ.

އެ ނިންމުމާއެކު މައިންބަފައިން ދަތުރު ކުރަންވީ ދަރިންކޮޅު ބައިތިއްބާފައި ތޯ އަހާ އާންމުންގެ އެތައް ބައެއްގެ ފާޑުކިޔުން އެޗްޕީއޭއަށް އަމާޒުވިއެވެ.