ސައުތް އޭޝިއާއިން ރާއްޖެ އަންނަ ފަތުރުވެރިންނަށް ޖުލައި 15 އިން ފެށިގެން ރާއްޖޭގެ ރިސޯޓްތަކަށް ދެވޭގޮތް ހަދައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިމަހުގެ 15 އިން ފެށިގެން ސައުތް އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖޭގެ ރިސޯތްތަކަށް ދެވޭނެ ކަމަށާ އަދި މިމަހު 30 އިން ފެށިގެން ރަށްރަށުގެ ގެސްޓްހައުސް ތަކަށް ވެސް ދެވޭނެ ކަމަށެވެ.
މިގޮތަށް ނިންމަވާފައި ވާއިރު ރަށްރަށުގައި ވެކްސިން ޖެހޭ އާބާދީގެ 60 ޕަސަންޓު މީހުން ވެކްސިން ފުރިހަމަ ކުރަން ޖެހޭނެ ކަމަށާ، އާބާދީގެ 60 އަހަރުން މަތީގެ މީހުންގެ 90 ޕަސަންޓު މީހުން ވެކްސިން ފުރިހަމަ ކުރަން ޖެހޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ގެސްޓްހައުސް ވުވައްޒަފުންގެ 95 ޕަސަންޓު މީހުން ވެކްސިން ފުރިހަމަ ކޮށްފައި ހުންނަން ޖެހޭނެ ކަމަށް ވެސް މަބްރޫކް ވިދާޅުވެފައި ވެއެވެ.
ބިދޭސީ މަސައްކަތްތެރިންނަށް ގޭގައި ކަރަންޓީނު ނުވެވޭނެ ކަމަށް ވެސް މިއަދު ނިންމާފައި ވެއެވެ. އެގޮތުން އެ މީހުން ކަރަންޓީނު ވާން ޖެހޭނީ ވަކިން ކަރަންޓީނު ފެސިލިޓީއެއްގައި ކަމަށް މަބްރޫކް ވިދާޅުވެފައި ވެއެވެ.
ސަރުކާރުން މިއަދު ވަނީ އިތުރު ލުއިތައްވެސް ދީފައެވެ. އެގޮތުން މާލެ ސަރަހައްދުގެ ކާފިއުވެސް އުވާލަން ވަނީ ނިންމާފައެވެ. އަދި ރެސްޓޯރަންޓްތަކުން ރޭގަނޑު 11:30 ވަންދެން އާންމުންނަށް "ޑައިން އިން" ހިދުމަތް ދެވޭ ގޮތަށް ވަނީ ނިންމާފައެވެ. ހަމައެއާއެކު ވިޔަފާރި ކުރާ ތަންތަނަށް ވެސް އާންމުންނަށް ވަދެވޭ ގަޑި ވަނީ އިތުރު ކޮށްފައެވެ.
މީގެ އިތުރުން އެޗްޕީއޭއިން އާންމުކުރާ އުސޫލުތަކާ އެއްގޮތަށް 30 މީހުންނަށް ވުރެ އިތުރު ނުވާ ގޮތަށް ޕާޓީއާއި ހަފްލާތަކާއި އެއްވުންތައް ބޭއްވޭ ގޮތަށް ވެސް ވަނީ ހަމަޖައްސާފައެވެ.