ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރާ ރިސޯޓް މުވައްޒަފުންނަށް ކަރަންޓީން ނުވެ ރަށަށް ދިއުމުގެ ހުއްދަ ދޭން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވީ، ރިސޯޓު މުވައްޒަފުން ވެކްސިން ފުރިހަމަ ކުރާތާ 14 ދުވަސް ވުމުން، ޕީސީއާރު ޓެސްޓް ހެދުމަށްފަހު ކަރަންޓީނުވާން ނުޖެހި ރަށަށް ދިއުމުގެ ހުއްދަ ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް މިގޮތަށް ދަތުރު ކުރެވޭނީ މޮނިޓަރިންގައި ނޯންނަ ރަށްތަކަށާއި ރިސޯޓްތަކަށް ކަމަށް މައުސޫމް ވިދާޅުވިއެވެ.

އަދި މި ނިންމުން ރައީސް ސޯލިހް ނިންމެވީތީ އެކަމާ އުފާ ކުރައްވާ ކަމަށް ވެސް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ. ރިސޯޓް މުވައްޒަފުންނަށް ރަށްތަކަށް ދެވޭ ގޮތަށް ރައިސް ނިންމެވި ނަމަވެސް އެ އުސޫލުގެ ތަފްސީލް އަދި އެޗްޕީއޭ އިން މިނިސްޓްރީއަށް ނާންގާ ކަމަށާއި އެޗްޕީޢޭއިން އުސޫލުތައް އެންގުމުން ހާމަ ކުރައްވާނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.

އެހެންކަމުން މި ލުއި ދޭން ފަށުމާއެކު އެއަށް އަމަލު ކުރަން ފަށާނެ ތާރީހެއް އިނގޭނީ އެޗްޕީއޭ އިން މި އުސޫލާ ގުޅޭ މައުލޫމާތު ހާމަ ކުރުމުންނެވެ.

މިދިޔަ މެއި މަހު ކޮވިޑް ކޭސްތައް އިތުރުވުމާ ގުޅިގެން ރާއްޖޭގައި ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެ ފިޔަވަޅުތއް އެޅިފަހުން މިހާރު ކޭސްތައް މަދުވަމުންދާތީ ސަރުކާރުން އަންނަނީ ލުއިތައް ދެމުންނެވެ. އެގޮތުން ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ދޭ އިތުރު ލުއިތައް އިއުލާން ކުރަން މިއަދު 2:30 ގައި ރައީސް އޮފީހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ވަނީ ނިންމާފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވާނީ ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް އާއި އެޗްއީއޯސީގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީގުގެ އިތުރުން އެޗްޕީއޭގެ ސީނިއާ ޕަބްލިކް ހެލްތް ޕްރޮގްރާމް އޮފިސަރ ފާތުމަތު އާނާ ވެސް މި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.