އއ. ހިމަންދޫ ގޮނޑުދޮށުން މިނި ކަށިތަކެއް ފެނިއްޖެއެވެ.

ހިމަންދޫގެ ހުޅަނގު ކޮޅު ގިރަމުންދާ ސަރަހައްދުން ފެނިފައިވަނީ 3 މީހެއްގެ ބޮލުގެ ނާށިގަނޑާއެކު ކަށިތަކެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ހިމަންދޫ ކައުންސިލްގެ ރައީސް ހުޝާމް އިސްމާއިލް ވިދާޅުވީ މީގެ 4 ވަރަކަށް އަހަރު ކުރިންވެސް އެ ހިސާބާ މާދުރުނޫން ހިސާބަކުން މިނި ކަށިތަކެއް ފެނިފައިވާ ކަމަށެވެ.

އަދި އެހިސާބަކީ މީހުން ވަޅުލާ ހިސާބެއްކަމަށް ފާހަގަކުރެވިފައިވާ ހިސާބެއް ނޫން ކަމަށާ، ރަށުގެ ދުވަސްވީ މީހުންގެ ފަރާތުން އެނގިފައިވާ ގޮތުންވެސް އެހިސާބުގައި ކުރިން މީހުން ވަޅުލާފައި ނުވާކަމަށް ހުޝާމް ވިދާޅުވިއެވެ.

އއ. ހިމަންދޫ އިން މިނިކަށި ފެނިފައިވާ ސަރަހައްދު / ފޮޓޯ: ހިމަންދޫ ކައުންސިލް

ހުޝާމް އިތުރަށް ވިދާޅުވީ އިއްޔެގައި ކުރެވުނު މަސައްކަތުން އެކެއްގެ ކަށިތައް ނަގައި ގަބުރުސްތާނުގައި ވަޅުލަފައިވާ ކަމަށެވެ. އަދި މި މަސައްކަތުގައި ފުލުހުންވެސް ހަރަކާތްތެރިވެފައިވާކަމަށް ހުޝާމް ވިދާޅުވިއެވެ.

އއ. ހިމަންދޫ އިން ފެނިފައިވާ މިނި ކަށިތަކެއް / ފޮޓޯ: ހިމަންދޫ ކައުންސިލް
އަޅުގަނޑުމެން ހަނދާން ހުންނަންފެށި ހިސާބުންވެސް އެއީ ހަމަ ޖަންގަލި. މިހާރު މިރަށުގަ ތިބި އެންމެ ދުވަސްވީ މީހުންނާ ވާހަކަ ދައްކާލާއިރު އެބޭފުޅުންގެ ކާބަފައިންގެ ފަރާތުން ވެސް އެ ސަރަހައްދަކީ ސީދާ މީހުން ވަޅުލާ ގަބުރުސްތާނެއް މިސްކިތެއް ނުވަތަ މީހުން ވަޅުލާ ތަނެއްކަން އެނގޭނެ އެއްވެސް މައުލޫމާތެއް އަޅުގަނޑުމެންނަކަށް ނުލިބޭ.
ހިމަންދޫ ކައުންސިލްގެ ރައީސް ހުޝާމް އިސްމާއިލް

މީގެ އިތުރުން އެއަތޮޅު ރަސްދޫ ޕޮލިސް ސްޓޭޝަނުން ފުލުހުން އައިސް އެ ކަށިތަކުގެ ސާމްޕަލްވެސް ނަގައިފައިވާ ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.