ޔަހޫދީ އިޒްރޭލުން ދިން ހަމަލާތަކުގައި ސުންނާފަތިވި ފަލަސްތީން އާރާސްތު ކުރުމަށް އެހީވާން އއ. ހިމަންދޫގެ ރައްޔިތުންގެ ފަރާތުން ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.
އެ ރަށުގެ އިންޖީނުގޭގެ މުވައްޒަފުން އިސްނަގައިގެން ހިމަންދޫ ކައުންސިލާއި، ސަރުކާރުގެ މުއައްސަސާތައް އަދި ކްލަބް ޖަމްއިއްޔާތަކާ ގުޅިގެން އިއްޔެ ވަނީ ފަންޑް ރައިޒިން އިވެންޓެއް އެ ރަށުގައި ކުރިއަށް ގެންގޮސްފައެވެ. "ހެލްޕް ގާޒާ- ދިވެހިން ހަނދާނެއް ނުނެތޭ" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ހައިރާތީ ހަރަކާތުން ޖުމްލަ 260,800 (ދެލައްކަ ފަސްދޮޅަސްހާސް އަށްސަތޭކަ) ރުފިޔާ ހޯދާފައި ވެއެވެ.
މީގެ ތެރެއިން 126,560 ރުފިޔާ (އެއްލައްކަ ސައްބީސްހާސް ފަސްސަތޭކަ ފަސްދޮޅަސް ރުފިޔާ) އަކީ އިންޖީނުގޭގެ މުވައްޒަފުން ހަދިޔާކުރި ފައިސާއެވެ. މީގެ ކުރިންވެސް ހިމަންދޫއިން ވަނީ ގިނަ އަދަދެއްގެ ފައިސާ ހަދިޔާ ކޮށްފައެވެ. 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެ ރަށު ސްޓެލްކޯ އިންޖީނުގޭގެ މުވައްޒަފުން އިސްނަގައިގެން ކުރިއަށް ގެންދިޔަ އެ ހަރަކާތުން ވެސް 230،000 ރުފިޔާ ހޯދާފައި ވެއެވެ.
އެ ފަހަރުވެސް އެ ރަށުގެ ރައްޔިތުންގެ ފަރާތުން ލިބިގެންދިޔައީ ހީ ނުކުރާފަދަ ބޮޑު ތަރުހީބެއް ކަމަށް އޭރު ކައުންސިލުން ވެސް ބުނެފައި ވެއެވެ.
އޮކްޓޯބަރު 7، 2023 ގައި ހަމާސްއިން އިޒްރޭލަށް ދިން ކުއްލި ހަމަލާތަކުގެ ބަދަލުހިފުމަށް ޔަހޫދީން ގާޒާގެ އެކި ހިސާބުތަކަށް ހުއްޓުމެއް ނެތި ދެމުންދިޔަ ވަރުގަދަ ހަމަލާތަކުގެ ސަބަބުން ގާޒާ އޮތީ މުޅިން ފުނޑުފުނޑުވެ، އަލުން އާރާސްތު ކުރަން ޖެހޭ ހާލަތުގައެވެ. އަދި އާރާސްތު ކުރުމަށްވެސް އެތައް ބިލިއަން ޑޮލަރެއް ހޭދަވާނެ ކަމަށް މާލީ އިދާރާތަކުން ހާމަކުރެއެވެ.
އިޒްރޭލުގެ ހަމަލާތަކުގައި ގާޒާގެ 61،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 100،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. އަދި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި 14،000 އަށް ވުރެ ގިނަ މީހުން ތިބޭނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ލަފާކޮށްފައެވެ. ހަނގުރާމަ ހުއްޓާލުމާ ގުޅިގެން ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު އިސްރާއީލުން މިހާރު ވަނީ ދީފައެވެ.