ލ. މާމެންދޫ ބަނދަރުގައި އޮތް މުދާ އުފުއްލާ ދޯންޏެއްގައި ތިބި 2 ބިދޭސީން ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގައިފިއެވެ.

މައުލޫމާތު ލިބޭގޮތުގައި މި މާރާމާރީ ހިންގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަދި މި މާރާމާރީގައި އެކަކުގެ ކަރަށް ވަނީ ވަޅި ހަރާފައެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން މާމެންދޫ ކައުންސިލްގެ ރައީސް ހަސަން ރަމީޒް ވިދާޅުވީ މާރާމާރީ ހިންގާފައިވަނީ މާމެންދޫ ބޭރުގައި އޮތް މުދާ އުފުއްލާ ދޯންޏަކުން ކަމަށެވެ. އަދި މި ހާދިސާއާއި ގުޅިގެން ފުލުހުންގެ ފޮރެންސިކް ޓީމުން މިހާރު މާމެންދޫއަށް ދަތުރު ކުރަމުން އަންނަކަމަށް ރަމީޒް ވިދާޅުވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ހެނދުނު 06:45 ހއިރު ލ. މާމެންދޫ ބަނދަރުގައި އޮތް ދޯންޏެއްގައި ތިބި ދެ ބިދޭސީއެއް ތޫނުއެއްޗަކުން ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއް ފުލުހުންނަށް ހުށައެޅިފައިވާ ކަމުގައެވެ. އަދި މި މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.

މާރާމާރީ ހިންގި ދެ ބިދޭސީންނަށްވެސް މާމެންދޫ ސިއްހީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމަށާ އެމީހުންގެ ހާލު ސީރިއަސް ނޫންކަމަށް މައުލޫމާތު ލިބޭކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.