ސްރީލަންކާގެ މައުންޓް ލެވީނިއާ ސަރަހައްދުގައި އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ލައްވާ އެތައް ދުވަހެއް ވަންދެން ހަށި ވިއްކުވި މައްސަލައެއްގައި ލަންކާއިން ހައްޔަރުކުރި ދިރާގުގެ ކުރީގެ ޗެއާމަން އަދި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީގެ ބަންދަށް 14 ދުވަސް ޖަހައިފިއެވެ.
ލަންކާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މިއަދު ކޯޓަށް ހާޒިރުކުރުމުން އަޝްމަލީ މި މަހުގެ 16 ވަނަ ދުވަހާ ހަމައަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
ލަންކާ ފުލުހުންގެ މީޑިއާ އޮފިޝަލު އަޖިތު ރޯހާނާ ވިދާޅުވެފައި ވަނީ، ވެބްސައިޓްތަކަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކޮށްގެން، ތިން މަސް ވަންދެން އުމުރުން 15 އަހަރުގެ ކުއްޖަކު ލައްވައި ހަށިވިއްކުވި މައްސަލައެއްގައި ހައްޔަރު ކޮށްފައިވާ ދިވެއްސަކީ އުމުރުން 45 އަހަރުގެ މުހައްމަދު އަޝްމަލީ ކަމަށެވެ. އަދި އޭނާ ހައްޔަރު ކުރީ އިންޓަނެޓް މެދުވެރިކޮށް އެ އަންހެން ކުއްޖާ ގަތުމުގެ ތުހުމަތުގައި ކަމަށް ވެސް ރޯހާނާއާ ހަވާލީ މިހާރު ނޫހުން ބުނެއެވެ
މި މައްސަލައިގައި މިހާތަނަށް ވަނީ 45 މީހަކު ހައްޔަރު ކޮށްފައެވެ. އެ ގޮތުން މިއަދު ހަތަރު މީހަކު ހައްޔަރު ކޮށްފަިއވާ އިރު އެ މީހުންގެ ތެރޭގައި ދިވެއްސަކު ހިމެނޭ ކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ.
ލަންކާ ފުލުހުން ބުނެފައި ވަނީ ކުއްޖާ ލައްވާ ހަށި ވިއްކުވި މައްސަލާގައި އެންމެ ބޮޑަށް ތުހުމަތުކުރެވޭ މީހުންގެ ތެރޭގައި ކުއްޖާގެ މަންމަ ހިމެނޭ ކަމަށާއި އޭނާ ހައްޔަރުކޮށްފައި ވާ ކަމަށެވެ. މީގެ އިތުރުން އޮޓޯ ޑްރައިވަރަކާއި ކާރު ޑްރައިވަރަކާއި ފާދިރީއަކާއި ގަހަނާގެ ވިޔަފާރި ކުރާ މީހަކު ވެސް ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެއެވެ. އަދި ކުއްޖާ ވިއްކަން ހޮޓަލުން ކޮޓަރި ހަމަޖެއްސި އެ ހޮޓަލުގެ މެނޭޖަރު ވެސް ވަނީ ހައްޔަރު ކޮށްފައެވެ.
އަމިއްލަ ދަރިންކޮޅު ވިއްކާލުމުގެ ކުރިން ގޮތްކުޑަކަލޭގެއަށް ހައްގު އަދަބުދީ އަވަސްކުރޭ