ހއ. ދިއްދޫގައި 12 ގަޑިއިރަށް ކާފިއު ހިންގަން ނިންމައިފިއެވެ.
ދިއްދޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ދިއްދޫގައި ކޮވިޑް-19 ބަލި ބާރުމިނެއްގައި ފެތުރެމުން ދާތީ، ރަށުގައި އެ ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، މިއަދު ހަވީރު 4:00 އިން ފެށިގެން ޖުލައި 18، 2021 ވަނަ ދުވަހުގެ ރޭ މެންދަމު 12:00 ގެ ނިޔަލަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.
ދިއްދޫގައި އަޅާފައިވާ ފިޔަވަޅުތަކަކީ:
- ހަވީރު 4:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގުން.
- ބޭނުންތަކުގައި ގެއިން ނިކުންނަށް ޖެހިއްޖެނަމަ ޕޮލިސް ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދުން
- މަގުމައްޗާއި އެހެނިހެން ތަންތަނުގައި ވެސް އެއްވަގުތެއްގައި 3 މީހުންނަށް ވުރެ ގިނައިން ނުކުމެ ނޫޅުމާއި އަދި ޒަރޫރީ ބޭނުންތަކުގައި ނުކުންނައިރު މާސްކު އެޅުމާއި އެކު ގައިދުރުކަން ބެހެއްޓުން.
- އެއްގެއިން އަނެއްގެއަށް ޒިޔާރަތް ނުކުރުން.
- ރޯގާގެ އަލާމާތެއް ހުރި އެއްވެސް ފަރާތެއް މިސްކިތަކާއި މީހުން، އެއްވާ އެއްވެސް ތަނަކަށް ނުދިއުން.
- މިސްކިތްތަކަށް، އުމުރުން ދުވަސްވީ ފަރާތްތަކާއި ކުޑަކުދިން އަދި ދިގު މުއްދަތަށް ބޭސްކުރާމީހުން ނުދިއުމަށާއި މިސްކިތަށް ދާ މީހުން މުސައްލަ ގެންދެވުމަހާއި ގެއިން ވުޟޫކޮށްގެން މާސްކް އަޅައިގެން ދިއުން.
- މިސްކިތުގައިވެސް ގައިދުރުކަން ބެހެއްޓުމާއި ގިނަވަގުތު މިސްކިތުގައި މަޑުނުކުރުން.
- ފިހާރަތަކަށް އެއްފަހަރާ ވަދެވޭނެ އަދަދެއް ކަނޑައަޅާ އެ ތަންތަނުގެ އެތެރޭގަ އާ ބޭރުގައި ވެސް ގައިދުރުކަން ބެހެއްޓޭނެ ގޮތަށް 3 ފޫޓް ދުރުގައި ކަސްޓަމަރުން ތިބެވޭނެ އިންތިޒާމްތައް ހަމަޖެއްސުން.
- ނަމާދުވަގުތުތައް ފިޔަވާ، ހެނދުނު 7:00 އިން ހަވީރު 4:00 އަށް ފިހާރަތައް ހުޅުވައިގެން ހިދުމަތް ދިނުމާ އަދި ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ޑެލިވަރީގެ ހިދުމަތް ދިނުން.
- ހޮޓާ ރެސްޓޯރެންޓްތައް ބަންދުކޮށް އެތަންތަނުން ޓޭކް އަވޭ އަދި ޑެލިވަރީގެ ހިދުމަތް ދިނުން.
- ޑެލިވަރީގެ ހިދުމަތް ދޭ މީހުން އެމީހުނަށް ޕޮލިސް ޕޯޓަލްގެ ތެރެއިން ދީފައިވާ ފާސް ބޭނުންކުރުން.
- ސެލޫންތަކާއި ޖީމްތަކާއި ބޯކޮށާތަންތަން ބަންދުކުރުން.
- ޕާޓީތަކާއި ހަފްލާތަކާ ބައްދަލުވުންތައް އަދި ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ނުގެންދިއުމާއި ޕާކުތަކާއި ހޮޅުއަށިތަކާއި ޖޯލިފަތިތަކުގައި މީހުން އެއްވެ ތިބުން މަނާކުރުން.
- ޓެކްސީ ހިދުމަތް ފޯރުކޮށްދޭނަމަ، އެޗްޕީއޭ ގެ ގައިޑްލައިން އާއި އެއްގޮތަށް އެ ހިދުމަތްދިނުން.
- ހުރިހާ ވަގުތެއްގައިވެސް މާސްކް އަޅާ ގަދުނުކަން ބެހެއްޓުން.
ދިއްދޫ ކައުންސިލުން ބުނީ އެ ފިޔަވަޅުތަކާއި ހިލާފުވާ މީހުންނަށް ގާނޫނުގެ ދަށުން ޖޫރިމަނާ ކުރާނެ ކަމަށެވެ.
ދިއްދޫ މޮނީޓަރިންގެ ހާލަތަށް ލާފައިވަނީ މިދިޔަ މަހު 24 ގައެވެ. ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ދިއްދޫން 4 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެއާއެކު ދިއްދޫން ޕޮޒިޓިވްވި މީހުންގެ އަދަދު 102 އަށް ވަނީ އަރާފައެވެ.