ރ.އަލިފުށި އަންހެނަކު ރޭޕް ކުރުމުގެ ތުހުމަތުގައި އެރަށު މީހެއްގެ މައްޗަށް ދައުވާކޮށްފިއެވެ.

އެ މައްސަލާގައި ދައުވާކޮށްފައި ވަނީ ރ.އަލިފުށީ ރޯޝަނީއާގެ ނާއިލް އަބްދުﷲގެ މައްޗަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ، އޭނާގެ މައްޗަށް ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 14 ވަނަ މާއްދާގެ ދަށުން ރޭޕް ކުރުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް ދައުވާކޮށްފައި ވަނީ މިދިޔަ މާރިޗް މަހުގެ 1 ވަނަ ދުވަހު ތުހުމަތު ކުރެވުނު މައްސަލައަކާ ގުޅިގެންނެވެ.

ފަހަކަށް އައިސް ރާއްޖޭގައި ޖިންސީ ގޯނާގެ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ. މިހާރު ކަމާއި ގުޅުން ހުރި އިދާރާތަކުން ދަނީ މިފަދަ މައްސަލަތައް އަވަހަށް ނިންމުމަށް ބާރުއަޅައި މަސައްކަތް ކުރަމުންނެވެ.

ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުމުގެ މައްސަލަތައް ކަންބޮޑުވާ މިންވަރަށް ދިވެހި މުޖްމަތަމައުގައި އިތުރުވަމުންދާ ކަން ފާހަގަ ކުރައްވާ މިއަދު މަޑުއްވަރީ ދާއިރާގެ މެމްްބަރު އާދަމް ޝަރީފް ވަނީ ޖިންސީ ގޯނާގެ މައްސަލަތައް ހުއްޓުވަން މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.