ބ. ފުޅަދޫ ބަނދަރުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީ އިން ބުނީ ފުޅަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 87 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ޖޫން 28، 2021 ވަނަ ދުވަހު ބަނދަރުގެ ބޭރު ތޮށި ލުމުގެ މަސައްކަތް ފަށައިފައިވާ ކަމަށްވެސް އެމްޓީސީސީ އިން ބުނެއެވެ.

ބ. ފުޅަދޫ ބަނދަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ކުރަމުން ގެންދަނީ / ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީ އިން ބުނީ މިހާރު ކުރިޔަށްދާ މަސައްކަތަކީ ބަނދަރުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކަމަށެވެ.

ފުޅަދޫ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ.

ފުޅަދޫ ބަނދަރަކީ 48 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ ބަނދަރެކެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީއާއެކު ޕްލޭނިން މިނިސްޓްރީން ސޮއިކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ. މަޝްރޫއުގެ ދަށުން، އެމްޓީސީސީން ފުޅަދޫ ބަނދަރު 54،861 ކިއުބިކް މީޓަރު ހިއްކާފައި ވެއެވެ.

މި މަސައްކަތްތަކުގެ އިތުރުންވެސް އެރަށު ބަނދަރު ބައްތި ޖެހުމާއި ނެރު ބައްތި ހަރުކުރުމުގެ އިތުރުން ރޭމްޕެއް ލުމުގެ މަސައްކަތްވެސް އެމްޓީސީސީން ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ފުޅަދޫ ބަނދަރު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 390 ދުވަސް ތެރޭ ނިންމާށެވެ.