މީޑިއާގެ މައްސަލަތައް ބެލުމުގެ ފުރުސަތު އެކަމާ ބެހޭ އިދާރާއަށް ދިނުމަށް އެޑިޓާސް ގިލްޑް އިން ގޮވާލާފިއެވެ.
އެޑިޓާސް ގިލްޑް އިން އެހެން ގޮވާލާފައިވަނީ ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނާއި ޑިޕްލޮމޭޓުންގެ ކަރާމަތަށް އުނިކަން ލިބޭ ގޮތަށް މީޑިއާތަކުން ނަފުރަތު އުފައްދާ ކަމަށް ކުރާ ތުހުމަތާ ގުޅޭ ގޮތުން ނެރުނު ބަޔާނެއްގައެވެ.
އެބަޔާނުގައި ބުނީ ރާއްޖޭގައި ހިންގާ ނޫސް މަޖައްލާތަކަކީ ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ނެރޭ ނޫސް މަޖައްލާތަކެއް ކަމަށެވެ. އެހެން ކަމާއެކު ރާއްޖޭގެ ނޫހެއްގައި ޝާއިއު ކުރި ލިއުމަކާ ގުޅޭ ގޮތުން، އެކަމުގެ ނުތަނަވަސްކަމެއް އޮތް ނަމަ އެކަމަކަށް ހައްލު ހޯދުމަށް އިންޑިއާ ހައި ކޮމިޝަނުން އެދެން ޖެހޭނީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ކަމަށް އެޑިޓާސް ގިލްޑް ބުނެއެވެ. އަދި އެ މައްސަލަ ބަލައި ދިނުމަށް ކަމާބެހޭ އިދާރާއެއްގައި ފޮރިން މިނިސްޓްރީ އަށް އެދިފައިވާނެ ކަމަށް ވެސް އެޑިޓާސް ގިލްޑް އިން އެބަޔާނުގައި ވަނީ ބުނެފައެވެ.
އެޑިޓާސް ގިލްޑް އިން ބުނީ ރަސްމީކޮށް އެ މައްސަލަ ހައި ކޮމިޝަނުން ލޮޖު ކުރީ ފޮރިން މިނިސްޓްރީ އަށް ކަމަށާއި އެހެން ނަމަވެސް އެ މައްސަލަ ރައްދުވާ ޑިޕްލޮމޭޓް ސީދާ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރަށް ގުޅުއްވުމަކީ ވިއެނާ ކޮންވެންޝަންގެ 41 ވަނަ މާއްދާ ތަންދޭ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ވިއެނާ ކޮންވެންޝަނާ ހިލާފަށް ރާއްޖޭގެ ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވުން ކަމުގައި ދެކޭ ވާހަކައެއް ކަމަށާއި ކޮމިޓީގެ މުގައްރިރުގެ ބަހުން ޑިޕޮލަމޭޓް ސީދާ މުގައްރިރާ ގުޅިކަން ސާފުވާ ކަމަށް އެޑިޓާސް ގިލްޑް އިން ބުނެއެވެ.
އެމައްސަލައިގައި އިންޑިއާގެ ޑިޕްލަމޭޓެއްގެ ކޯލާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު އަމިއްލަ އަމިއްލަށް އެ މައްސަލާގައި މީޑިއާ ޖަވާބުދާރީ ކުރުވުމަށް މޯލްޑިވްސް މީޑިއާ ކައުންސިލަށް އެންގުމަކީ ވެސް ޑިމޮކްރަސީއާ ބީރައްޓެހި އުސޫލެއްކަން އެޑިޓާސް ގިލްޑް އިން ވަނީ ފާހަގަކޮށްފައެވެ.
އަދި ކައުންސިލުން އެ މައްސަލަ ބެލުމަށް ފުރުސަތު ނުދީ، މަޖިލީހުގެ ކޮމިޓީއަށް ހާޒިރުވުމަށް އެންގުމަކީ، ސީދާ ގޮތެއްގައި ވަކި ގޮތަކަށް މައްސަލަ އަނބުރާލުމަށް ނުފޫޒު ފޯރުވުން ކަމަށް ދެކޭ ކަމަށް ވެސް އެޑިޓާސް ގިލްޑް އިން ވަނީ ބުނެފައެވެ.
ހަމަ އެހެންމެ އެ މައްސަލަ ފުލުސް އޮފީހަށް ހުށަހަޅާ މައްސަލަ ބަލަމުންދާ ކަމަށް ބުނުމަކީ ވެސް އެޑިޓާސް ގިލްޑް އިން ކަންބޮޑުވާ ކަމެއް ކަމަށް އެޖަމިއްޔާއިން ބުނެއެވެ.
އެޑިޓާސް ގިލްޑް އިން ވަނީ މިޑީއާއެއްގައި ރިޕޯޓް ކުރި މައްސަލައަކާ ގުޅޭ ގޮތުން ނުތަނަވަސް ކަމެއް އޮތް ނަމަ މޯލްޑިވްސް މީޑިއާ ކައުންސިލަށް އެ މައްސަލަ ބެލުމަށް ފުރުސަތު ދިނުމަށް ގޮވާލާފައެވެ. އަދި އަމިއްލައަށް ބާރާއި ނުފޫޒު ބޭނުން ކޮށްގެން މައްސަލައަށް ވާސިލުވުމަށް މަސައްކަތް ކުރުމަކީ ތަހުޒީބީ ހަމެއް ކަމަށް ނުފެންނަ ވާހަކަ އެއް ކަމަށާއި ރާއްޖެ ބަލައިގެންފައިވާ ނިޒާމަކީ ވެސް އެއީ ކަމަށް އެޑިޓާސް ގިލްޑް އިން ވަނީ ބުނެފައެވެ.
އޭގެ އިތުރުން ރާއްޖޭގައި މަސައްކަތް ކުރާ މީޑިއާތަކުން ވެސް މައްސަލަތައް ރިޕޯޓް ކުރުމުގައި ނޫސްވެރިކަމުގެ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް އަމަލު ކުރުމަށް އެޑިޓާސް ގިލްޑް އިން ވަނީ ގޮވާލާފައެވެ. އަދި ސާބިތު ނުހިފޭ ވާހަކަ ނުދެއްކުމަށާއި ބޭރުގެ ޑިޕްލޮމޭޓުންގެ ވާހަކައެއް ދައްކާ ނަމަވެސް ވިއެނާ ކޮންވެންޝަންގެ 29 ވަނަ މާއްދާގައި ބުނެފައިވާ ގޮތަށް ރިއާޔަތް ކުރުމަށް އެޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.