ރ. މީދޫގައި އިތުރު ބަޔަކު ކޮވިޑު-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ފިޔަވަޅުތައް ހަރުކަށިކޮށްފިއެވެ.

މީދޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ފްލޫ ސާމްޕަލްގެ ގޮތުގައި ނެގުނު 4 މީހެއްގެ ސާމްޕަލް ޕޮޒިޓިވްވުމާއި ގުޅިގެން ޖޫން 30، 2021 ވަނަ ދުވަހުން ފެށިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވަކި ގޮތެއް އަންގަން ދެން އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

އަދި ޕޮޒިޓިވްވި ފަރާތްތަކާއި ގާތުން ބައްދަލުވި 5 މީހަކާއި ފްލޫސާމްޕްލްގެ ގޮތުގައި ނެގުނު 1 އެކަކުގެ ސާމްޕްލް އިއްޔެ އަނެއްކާ ވެސް ޕޮޒިޓިވް ވެފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

އެގޮތުން މުޖްތަމައު ތެރޭގައި މިހާރު ބަލިފެތުރެން ފެށުމާއިއެކު ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ފިޔަވަޅުތައް ހަރުދަނާކުރުމަށް ޓާސްކްފޯސްގެ ލަފާގެ މަތިން ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

އަޅާފައިވާ ފިޔަވަޅުތައް:

  • ވަކި މުއްދަތެއް ނެތް ގޮތަށް ރަށް ފުރަބަންދު ކުރުން
  • ވިޔަފާރިތަކުގެ ހިދުމަތް ލިބޭނީ ހަމަ އެކަނި ޑެލިވަރީ މެދުވެރިކޮށްގެން
  • އާމްދަނީ ހޯދުމަށް މަސައްކަތް ކުރާ ފަރާތްތަކާއި ޒަރޫރީ ބޭނުންތަކުގައި ކޮންމެހެން ބޭރަށްދާން ޖެހިއްޖެނަމަ ފުލުހުންގެ ނަމްބަރު 9790398 އަށް ގުޅާ ހުއްދަ ހޯދުން.
  • ރޭގަނޑު 9 އިން ފަތިހު 4 އަށް ހުއްދަ ލިބޭނީ ޕޮލިސް ޕޯޓަލް މެދުވެރިކޮށް.
  • މަސްވެރިކަމާއި، އާމްދަނީ ހޯދުމަށް އަދި ޒަރޫރީ ބޭނުންތަކަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތަކަށް ކައުންސިލްގެ ހޮޓްލައިން ނަމްބަރު 7535234 އަށް ގުޅާ ހުއްދަ ހޯދުން.
  • އިސްލާމިކް މިނިސްޓްރީން ލަފާދީފައިވާ ގޮތަށް މިސްކިތްތަކުގައި ޖަމާއަތުގައި ގައިދުރުކޮށްގެން ނަމާދު ކުރުން.

ކައުންސިލުން ބުނީ މިސްކިތައް ދާންވާނީ މާސްކް އަޅައިގެން މުސައްލަ ހިފައިގެން ކަމަށެވެ. އަދި ޖަމާއަތް ނޫން ގަޑިއެއްގައި މިސްކިތައްދާނަމަ ފުލުހުންގެ ނަމްބަރު 9790398 ގުޅާ މެސެޖް ލިބުމުން ދެވޭނެ ކަމަށް ކައުންސިލުން ބުނެއެވެ.

ކައުންސިލުން ވަނީ އަޅާފައިވާ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލު ކުރުމަށް އެދިފައެވެ.