މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ ތަހްގީގުކުރުމުގެ މަރުހަލާ ހިނގާ ގޮތް ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އައްޔަން ކުރެއްވި އައްބާސް ފާއިޒް ރާއްޖެ ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ ފާއިޒް ރާއްޖެ ވަޑައިގެންނެވީ ހުކުރު ދުވަހު ހެނދުނު ކަމަށެވެ.

ފާއިޒަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވެފައި ވަނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސްގެ ހާއްސަ މަންދޫބުގެ ހައިސިއްޔަތުން މޭ 6 ގެ ހަމަލާޔާގުޅޭ އެންމެހާ ތަހުގީގެއްގައި ޕްރޮސެކިއުޓާ ޖެނެރަލް ކަނޑައަޅާފައިވާ ހުދޫދުގެ ތެރެއިން އައްބާސް ފާއިޒް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ރަައީސް އޮފީހުން ބުނެއެވެ. އަދި، އިންސާފު ގާއިމުކުރެވެންދެން ބޭނުންވާ ހާލަތްތަކުގައި ކަމާގުޅޭ ލަފަޔާއި އިރުޝާދު ދެއްވާ، ތައްޔާރު ކުރައްވަން ޖެހޭ އެންމެހާ ރިޕޯޓެއް ވެސް ތައްޔާރު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުން އައްބާސް ފާއިޒް އައްޔަންކުރައްވާފައިވަނީ މޭ މަހުގެ 19 ވަނަ ދުވަހުގައެވެ.