ދިޔަރެސް ނޫހުގެ ކޯ ފައުންޑަރު އަދި ޗީފް އެޑިޓަރު އަހްމަދު އަޒާންއަށް އަމާޒުކޮށް ބިރުދެއްކުމުގެ ގޮތުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ނެރެފައިވާ ބަޔާން އިދިކޮޅު ކޯލިޝަނުން ކުށްވެރިކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސްބަޔާނުގައި ވަނީ މިނިވަން ނޫސްވެރިކަމަށް ހުރަސް ނޭޅުމަށާ ވަކިވަކި ނޫސްވެރިންނަށް އަމާޒުކޮށް ބިރުދެއްކުން ހުއްޓާލުމަށް ސަރުކާރަށް އަދި އެމްޑީޕީއަށް ގޮވާލާ ކަމަށެވެ. އަދި މީޑިއާ އަކީ ޑިމޮކްރެސީގެ ހަތަރުވަނަ ބާރުކަމަށާ، މިއީ މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅޭފަދަ އަދި ނޫސްވެރިންގެ ގަލަމުގެ މިނިވަންކަމަށް އަރައިގަނެވޭފަދަ ކަމެއް ކަމުގައިވެސް ދެކޭކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ.

އިދިކޮޅު ކޯލިޝަނުން ވަނީ މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ކުރިމަތިވާ މިފަދަ އިންޒާރުތަކާއި ބިރުދެއްކުމުގެ އަމަލުތައް ބަލާ އެފަރާތްތަކަށް ރައްކާތެރި މާހާއުލެއް ގާއިމް ކޮށްދިނުމަށް މީޑިއާތަކުގެ ބެލެނިވެރި ފަރާތްތަކަށް ގޮވާލާފައެވެ. މީގެއިތުރުން ވަކި ފަރާތަކަށް ނުޖެހި މިނިވަން ނޫސްވެރިކަމެއް ކުރެވޭނެ މަގު ފަހި ކޮށްދިނުމަށް ވެސް އިދިކޮޅުން ވަނީ މީޑީއާތަކުގެ ބެލެނިވެރި ފަރާތްތަކަށް ގޮވާލާފައެވެ.

ރާއްޖޭގެ މީޑިއާތަކުގައި ނޫސްވެރިން ލިޔާ ލިޔުންތަކާއި ގުޅިގެން އެކަން ހުއްޓުވުމަށް ބޭރުގެ އެކި ފަރާތްތަކުން ސަރުކާރު މެދުވެރިކޮށް ފިއްތާ ފިއްތުންތަކުގެ ސަބަބުން ސަރުކާރުގެ މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ މުއައްސަސާތަކުން ނޫސްވެރިންގެ އަނގަ ބަންދުކޮށް ފިޔަވަޅު އެޅުމަށް ކުރަމުންދާ މަސައްކަތަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށްވެސް އިދިކޮޅުން ފާހަގަ ކޮށްފައި ވެއެވެ.