ޖިހާދު ކުރަން ރާއްޖެއިން ބޭރަށް މީހުން ފޮނުވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް, ސަލަފް ޖަމިއްޔާއަށް ނިސްބަތްވާ ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒު ދޮގުކޮށްފިއެވެ.
ކްލަބްހައުސް އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެމުން އަލީ ރަމީޒު ބުނީ އޭނާ އަކީ މިހާތަނަށްވެސް ސީރިއާ ފަދަ ގައުމުތަކަށް ޖިހާދަށް މީހުން ފޮނުވާ އެފަދަ ކަންކަމަށް ފަންޑުކުރާ މީހެއް ނޫންކަމަށެވެ.
އަލީ ރަމީޒު ބުނީ އެއްވެސް ހަގީގަތެއް ނެތި އެޒާތުގެ ވާހަކަތައް ދައްކާ މީހުންނަކީ މިފަދަ ތަހުޒީބު ޒަމާނެއްގައި މައުލޫމާތުގެ ގޮތުން ވަރަށް ނިކަމެތި ބައެއް ކަމަށެވެ.
އަލީ ރަމީޒު އިތުރަށް ބުނީ ދައުވަތުގެ މައިދާނަށް ނުކުތީންސުރެ 24 ގަޑި އިރު ކުރަމުން އަންނަ މަސަތްކަތް ސަލަފް ގެ އިތުރުން އަލީ ރަމީޒް ގެ ޔޫޓިއުބު ޗެނަލްއިން ފެންނަން ހުންނާނެ ކަމަށެވެ. އަދި އޭނާވެސް ނުވަތަ އޭނާ ނިސްބަތްވާ ޖަމާއަތަކުންވެސް ބަޔަކު ރެކްރޫޓުކޮށް ބޭރަށް ފޮނުވާ ހަދާނަމަ، އެ މައުލޫމާތު އެންމެ ބޮޑަށް ހުންނާނީ ރާއްޖޭގެ އިންޓެލިޖެންސްގައި ކަމަށާއި، އެފަދަ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.
ހަރުކަށިފިކުރުގެ އެކިއެކި ކަންކަމާ އަލީ ރަމީޒާއި އަދި ސަލަފު ގުޅުވާ އާންމުންގެ ތެރޭގައި އަންނަނީ ވާހަކަ ދެކެވެމުންނެވެ.